އައްޑޫގައި މަސައްކަތް ކުރާ ބިދޭސީންގެ ވޯކް ވީސާ ފީ ކައުންސިލުން ބަލައިގަތުން މެދުކެޑިއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ވީސާ ފީ ބަލައި ގަތުން މެދުކެޑިގެން އުޅެނީ ސިސްޓަމް އަޕްގްރޭޑިން މައްސަލައަކާ ގުޅިގެންނެވެ.
އިމިގްރެޝަނުން ބުނެފައިވަނީ ފީ ބަލައިގަތުމުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު (މީރާ) އާއި އެކު ނިންމަން ޖެހޭ މަސައްކަތްތަކެއް ވެސް ނުނިމި ވާކަމަށެވެ. އަދި މި މައްސަލަ ހައްލު ކުރެވިގެން ނޫން ގޮތަކަށް ހިދްމަތް ދެވެން ނެތްކަމަށް އިމިގްރޭޝަނުން ބުނެ އެވެ.
އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ގާއިމް ކޮށްފައިވާ އިމިގްރޭޝަން އޮފީހުން ބިދޭސީންނާ ގުޅޭ ގިނަ ހިދްމަތްތައް މީގެ ކުރިން ވަނީ ދީފަ އެވެ. ނަމަވެސް އެ ހިދްމަތް ތައް މެދު ކަނޑާލުމާއި ގުޅިގެން އާއްމުންގެ ޝަކުވާ ވަނީ އިންތިހާ އަށް ބޮޑުވެފަ އެވެ.
ކުރިން އައްޑޫން ދެމުން ދިޔަ ކޯޓާގެ ހިދްމަތާއި، ވޯކްޕާމިޓް ހެދުމާއި ފައިސާ ދެއްކުން އޮންލައިން ކުރުމާ ގުޅިގެން އެ ހިދްމަތް އިމިގްރޭޝަނުން ވަނީ ހުއްޓާލާފައެވެ. އަދި ކޯޓާ އަށް އޮންލައިންކޮށް އެދޭ ފަރާތްތައް "ވެރިފައި" ކުރުން ފަދަ އާދައިގެ ހިދްމަތްވެސް އައްޑޫގައި ހުންނަ އިމިގްރޭޝަނުން ލިބެން ނެތުމުގެ މައްސަލަ ވެސް ވަނީ ބޮޑުވެފަ ނއެވެ.
އައްޑޫގައި ގިނަ އަދަދެއްގެ ބިދޭސީން އުޅެމުން ދާއިރު އެ މީހުންނާއި ގުޅޭ ހިދްމަތްތައް ލިބެން ނެތުމުން ބައެއް ފަރާތައް ބޮޑެތި އަދަދުން ޖުރިމަނާ ވެފައި އެބަވެ އެވެ. އަދި އެކަން ހައްލު ކުރުމުގައި ބޮޑެތި ހަރަދު ހިނގާ ކަމަށް ކުންފުނިތަކުން ބުނެ އެވެ.