ސިނަމާލެ ބްރިޖު ހުޅުވި ފަހުން މާލޭގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓު ގިނަވާތީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ނާރުގެ އޮޕަރޭޝަންތަކަށް ޚާއްސަ ޑޮކްޓަރެއް ގެނައުމަށް ސަރުކާރުން ނިންމައިފިއެވެ.
އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ސަލީމް، ހޮސްޕިޓަލުގެ މަސައްކަތާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ބޭއްވި ޕްރެސް ބްރީފިންގައި ވިދާޅުވީ އިންޑިޔާގެ މިއޮޓް ހޮސްޕިޓަލުން އައިޖީއެމްއެޗަށް ނާރުގެ އޮޕަރޭޝަންތަކަށް ޚާއްސަ ޑޮކްޓަރަކު ގެންނަން ނިންމާފައިވާ ކަމަށެވެ.
ސަލީމް ވިދާޅުވީ އިންޑިޔާއިން ގެންނަ ޑޮކްޓަރު ޓްރަޔަލް މުއްދަތަކަށް ގެނެސް މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެ މުއްދަތުގައި ކުރެވޭ މަސައްކަތަށް ބެލުމަށް ފަހު ދާއިމީ ގޮތުން ހޮސްޕިޓަލްގައި ބަހައްޓާނީތޯ ނުވަތަ ނޫންތޯ މެނޭޖްމަންޓުން ނިންމާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޑޮކްޓަރު އައުމުގެ އިންތިޒާމް ހަމަޖެހެންދެން ނާރުގެ އޮޕަރޭޝަންތައް ކުރުމަށް އޭޑީކޭ ހޮސްޕިޓަލާއި އައިޖީއެމްއެޗާ ދެމެދު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ވެސް ސަލީމް ވިދާޅުވެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ ރޯދަ މަހު އެކަނި ވެސް 221 އެކްސިޑެންޓު މާލޭގައި ހިނގައި 54 މީހަކަށް އަނިޔާ ވެފައިވާ ކަމަށެވެ.
މާލޭ އެކްސިޑެންޓު ގިނަވާން ފެށުމުން ޚާއްސަ ޑޮކްޓަރުން ގެނައުމަށް މަސައްކަތް ކުރަމުންދާއިރު އައްޑޫގައި ހިނގާ އެކްސިޑެންޓުތަކުގައި އަނިޔާ ލިބޭ ފަރާތްތަކަށް ފަރުވާދޭނެ ވަސީލަތްތަކާއި ޑޮކްޓަރުން މަދުކަން ފާހަގަކޮށްލެވެއެވެ.