Last Updated: November 24, 16:56
Sunday, November 24, 2024
ސިއްހަތު

ސްޕަ ސްޕެޝަލިސްޓުން ގެންނާނަން: ޑރ. ޑީޑީ

ޑީޑީ އާއި ގާސިމް ހުޅުމީދޫއަށް ވަޑައިގެން މީދޫ އިސްމެހެލާ ހެރަ ސަރަހަްއދަށް ވަޑައިގަންނަވަނީ.

މި އަހަރު ބާއްވާ ރިޔާސީ އިންތިހާބް ކާމިޔާބް ކުރުމަށް ފަހު، ޖުމްހުރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ރާއްޖޭގައި ސްޕަ ސްޕެޝަލިސްޓުންގެ ހިދުމަތް ދޭން ފަށާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ޓީވީއެމުން ރޭ އަލަށް ފެށި "ރިޔާސީ ސިޔާސަތު" ޕްރޮގްރާމްގައި ޖޭޕީގެ ސިއްހީ ސިޔާސަތުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޖުމްހުރީ ޕާޓީގެ ރައީސް ޑރ. އިބްރާހީމްދީދީ (ޑރ. ޑީޑީ) ވިދާޅުވީ އަވަށްޓެރި ގައުމުތަކުން ސްޕަ ސްޕެޝެލިސްޓުން ރާއްޖެ އަންނަން ތައްޔާރަށް މިހާރު ވެސް އެބަތި ތިބި ކަމަަށެވެ.

އެހެންވެ ރާއްޖޭގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށް ދިނުމުގެ ގޮތުން އަވަށްޓެރި ގައުމުތަކުން ވިޒިޓް ކުރާ ގޮތަށް ނަމަވެސް އެކި ދާއިރާތަކުން ސްޕެޝަލިސްޓުން ގެނައުމަކީ ކުރަން ޖެހިފައި އޮތް ކަމެއް ކަމަށެވެ.
އެގޮތުން ގާސިމްގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން އެކަން ކުރާނެ ކަމަށް ޑރ. ޑީޑީ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އެ ޕާޓީގެ ސިއްހީ ސިޔާސަތުގެ ދަށުން ރާއްޖޭގައި ހުރި ރީޖަނަލް ހޮސްޕިޓަލްތައްް އިތުރަށް އަޕްގްރޭޑް މާލޭގައި ހުރި އައިޖީއެމްއެޗުން ލިބޭ ފަދަ ހިދުމަތްތަކެއް ލިބޭނެ އިންތިޒާމްތަކެއް ވެސް ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ހަމަޖައްސާނެ ކަމަށެވެ.

މީގެ އިތުރުން ސިއްހީ ދާއިރާ އަށް ބޭނުންވާ މީހުން ތަމްރީނު ކުރުމަށް ވެސް ހާއްސަ ސަމާލު ކަމެއް ގާސިމްގެ ވެރިކަމެއްގައި ދެއްވާނެ ކަމަށް ޑރ. ޑީޑީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރީގެ 30 އަހަރާއި އޭގެ ފަހުން އައި ތިން އަހަރުގެ ވެރިކަމުގައި ވެސް ސިއްހީ ދާއިރާ ކުރިއަރުވައި، ތަރައްގީ ކުރަން އެކަށީގެންވާ މަސައްކަތެއްކޮށްފައި ނުވާ ކަމަށެވެ.

އޭގެ ބަދަލުގައި ފެނިގެން ގޮސްފައި ވަނީ ސިއްހީ ދާއިރާ އަށް ކަނޑައެޅޭ ބަޖެޓްގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ތަން ކަމަށް ރާއްޖޭގެ ފުރަތަމަ ދަތުގެ ޑޮކްޓަރު ވިދާޅުވި އެވެ.