Last Updated: April 15, 18:01
Wednesday, April 16, 2025
ޚަބަރު

ޕެންޝަން ފަންޑުން ހައްޖަށް ދާން ފައިސާ ނެގޭ މިންވަރު ބޮޑުކުރަނީ

ޕެންޝަން ފަންޑުން ޙައްޖަށް ގެންދިޔުމަށް ކަނޑައަޅާ އަގުގެ 80 އިންސައްތަ ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ޕެންޝަން ފަންޑުގައި ހުރި ފައިސާއިން ޙައްޖަށް ދެވޭނެ އިންތިޒާމު ހަމަޖައްސާ އެ ފަންޑުން ކުރިން ނެގޭނެކަމަށް ކަނޑައެޅި އަދަދު 80 އިން ސައްތައަށް ބޮޑުކުރަން ނިންމާފައިވާކަމަށެވެ. އަދި ޕެންޝަނާބެހޭ ޤާނޫނަށް އެ އިސްލާހު ހުށައަޅުއްވާފައިވާކަމަށްވެސް ހޫދު ވިދާޅުވިއެވެ.

ޙައްޖަށް ފައިސާ ދޫކުރުމުގައި އަމަލުކުރާނެ އުސޫލުގައިވާ ގޮތުން ޕެންޝަން ފަންޑުން ފައިސާ ދޫކުރަނީ ފަރުޟު ޙައްޖުވުމަށެވެ. ޢަދި ފައިސާ ދޫކުރާނީ އެ އަހަރަކު ޙައްޖަށް ގެންދިޔުމަށް ކަނޑައަޅާ އަގުގެ ދެބައިކޮށްފަ އެއްބައިކަމަށް ހޫދު ވިދާޅުވިއެވެ.

ޕެންޝަން ފަންޑުން ހައްޖަށް ފައިސާ ދޫކުރުމަށް އެކުލަވާލި އުސޫލުގައިވާ ގޮތުން ޙައްޖުވުމަށް ޕެންޝަން ފަންޑުން ފައިސާ ދޫކުރާނީ އެކައުންޓްގައި ތިންލައްކަ ތިރީސް ހަ ހާސް ރުފިޔާ ހުންނަ ފަރާތްތަކަށް ކަމަށެވެ. ޕެންޝަން ސްކީމުން ކަނޑައަޅާފައިވާ މިންވަރަށް ފައިސާ އެ ފަންޑުގައި ހުރީ 6000 މީހުންކަމަށް ޕެންޝަން އޮފީހުން ވަނީ ބުނެފައެވެ.

ގެދޮރު ގަތުމަށް ޕެންޝަން ފަންޑުގައި ހުރި ފައިސާ ކޮލެޓަރައިޒްކޮށްފައިވާ ބައިވެރިއެއް ނަމަ އެ އަދަދު ނުހިމަނާ ގަވައިދުގައި ބުނާ އެންމެ މަދު މިންވަރުގެ ފައިސާ ރިޓަޔަމަންޓް ސޭވިން އެކައުންޓްގައި ހުންނަން ޖެހޭކަށްވެސް މި ޤަވައިދުގައި ވެއެވެ. ޢަދި ޙައްޖަށް ދާން އެއަހަރަކު އެދޭ ހުރިހާ އެންމެނަށް ފައިސާ ދޫކުރަންޖެހޭނެކަމަށާއި ފައިސާ ދޫކުރާނީ ޙައްޖަށް ގެންދާކަމުގެ ލިޔުމެއް ލިބުމުންކަމަށްވެސް ޤަވާއިދުގައި ވެއެވެ.

ޙައްޖަށް ފައިސާ ނެގި ބައިވެރިޔަކު އެއްވެސް ސަބަބެއް ދިމާވެ އެ އަހަރަކު ހައްޖަށް ނުދެވިއްޖެ ނަމަ އެ އަހަރެއްގެ ހައްޖު ދުވަހުގެ ފަހުން 30 ދުވަހުގެ ތެރޭގައި ހައްޖަށް ދާން ލިބުނު ފައިސާ އަނބުރާ ޕެންޝަން އޮފީހަށް ރައްދު ކުރަން ވާނެއެވެ.