ގުދުރަތީގޮތުން ދިގު އަންހެނުންނަކީ ވަރަށް ނަސީބުވެރި ބައެކެވެ. ދިގު އިސްކޮޅެއް ލިބިފައިވުމަކީ އޭގެ ސަބަބުން އަންހެނާގެ ހަށިގަނޑުގެ ރީތިކަން އިތުރުކޮށްދޭ ކަމެކެވެ.
އެހެން ކަމުން ތަންކޮޅެއް ކުރު އަންހެނުންނަށް އޮތް ގޮތަކީ އުސްފައިވާން ނުވަތަ ހީލްސް އަށް އެރުމެވެ. ގިނަ އަންހެނުން އުސްފައިވާނަށް އަރައި އުޅެނީ ހަމައެކަނި ދިގުވުމުގެ މަޤްސަދުގައެއް ނޫނެވެ. އުސް ފައިވާނުގެ ވެސް ތަފާތު ޑިޒައިންތައް ހުރެ އެވެ.
ލާ ހެދުންތަކާ ގުޅޭ ގޮތަށެވެ. ނަމަވެސް މިފަދަ ފައިވާނުގެ ސަބަބުން ހަށިގަނޑަށް ގެއްލުން ލިބޭކަމަށް ދިރާސާތަކުން ދައްކަ އެވެ. އެހެން ކަމުން އުސްފައިވާނަށް އެރުމުގެ ފައިދާ އަދި ގެއްލުންތަކަށް ބަލައިލަމާ ހިނގާށެވެ.
* ފައިދާތައް:
1. އިސްކޮޅު އަދި ބައްޓަން
އުސްފައިވާނަށް އެރުމުން އިސްކޮޅު އެންމެ ދިގު ވެގެން 5-6 އިންޗި ދިގުކަމަށް ދައްކުވައި ދެ އެވެ. މިއީ ތަންކޮޅެއް ކުރު އަންހެނުން ދިގު ކަމަށް ދެއްކުމަށް އޮތް ވަރަށް ފަސޭހަ ގޮތެކެވެ.
އިސްކޮޅުން ދިގުވުމަކީ ހަށިގަނޑުގެ ރީތިކަން އިތުރުކޮށްދޭ ކަމަކަށް ވަތީ މިފަދަ ފައިވާނަކީ އަންހެނުންނަށް ވަރަށް ކަމުދާ އެއްޗެކެވެ. މި ފައިވާނަށް އެރުމުގެ ސަބަބުން ހަށިގަނޑު ހުންނަނީ ރަނގަޅު އަދި ރީތި ބައްޓަމަކަށްކަން އިހުސާސް ކުރެވެ އެވެ. އަދި އޭގެ ސަބަބުން އަމިއްލަ ނަފްސަށް ކުރެވޭ އިތުބާރު ބޮޑުވެ އެވެ.
2. ސްޓައިލް
އުސްފައިވާނަކީ އެކި ޑިޒައިންތަކަށް އަދި އެކި ސްޓައިލްތަކަށް ހުންނަ އެއްޗަކަށް ވުމުން ތަފާތު ފެޝަންތަކަށް ލޯބި ކުރާ އަންހެނުންނަށް ވަރަށް ކަމުދާ އެއްޗެކެވެ.
ލާ ހެދުމުގެ ކުލައާއި ހެދުމުގެ ޑިޒައިން އާއި ގުޅޭ ގޮތަށް މިފައިވާން ލެވެއެވެ. އަދި ފައިވާނުގެ އުސްމިން ހުންނަ ގޮތަކުން ހިނގުމުގެ ވައްޓަފާޅިވެސް ބަދަލަކޮށްދެއެވެ. މީގެ ސަބަބުން ގިނަ ފަރާތްތަކުގެ ލޯ އެމީހަކަށް އަމާޒުކޮށް ދެ އެވެ.
3. ފައިގެ ބައްޓަން
މިފަދަ ފައިވާނަށް އެރުމުގެ ސަބަބުން ފައިގެ ބައްޓަން ވެސް ރީތިކޮށް އަދި ފައި ތަންކޮޅެއް ދިގު ކަމަށް ދައްކައި ދެ އެވެ.
* ގެއްލުން:
1. ފައިގައި ރިއްސުން
އުސްފައިވާނަށް އެރުމުގެ ސަބަބުން ގިނަ އަންހެނުން ފައިގައި ރިއްސަ އެވެ. މިކަމުގެ ސަބަބަކަށް ވަނީ ހަށިގަނޑުގެ ބުރަދަން ފަޔަށް އުފުލަން ޖެހުމެވެ. އަދި މިކަން ދިގު މުއްދަތަކަށް ދެމިގެން ދާނަމަ އުނަގަނޑުގައި ވެސް ރިއްސަން ފަށާނެ އެވެ.
2. ހިނގުމަށް އުނދަގޫވުން
އުސް ފައިވާނުގައި ހިނގުމަކީ ގިނަ އަންހެނުންނަށް މާފަސޭހަ ކަމެއް ނޫނެވެ. ޚާއްސަކޮށް ގިނަ އިރުވަންދެން ހިނގާ ނަމަ ނުވަތަ ކޮޅަށް ހުންނަ ނަމަ ފުންނާބުގައި ރިއްސަން ފަށަ އެވެ. ހިނގުމުގެ ވައްޓަފާޅި އަށް ވެސް ބަދަލުތަކެއް އާދެ އެވެ.
އަދި ބައެއް ފަހަރު އަރިއަޅާލައި ވެއްޓޭ ގޮތް ވެސް މެދުވެރިވެ އެވެ.
މިކަން ރަނގަޅު ކުރުމަށް އުސް ފައިވާނުގައި މަޑުމަޑުން ހިނގުމަށް އާދަ ކުރަން ޖެހެ އެވެ. އަދި މިފަދަ ފައިވާނަށް އަރައި އުޅުމަށް އުނދަގޫވާ ނަމަ އެ މީހަކަށް ފަސޭހަ ފައިވާނެއްް އިޚްތިޔާރު ކުރުން އެއީ އެންމެ ބުއްދިވެރި ގޮތެވެ.
3. ބުރަކަށީގައި ރިއްސުން
ފަހަކަށް އައިސް ގިނަ އަންހެނުން ބުރަކަށީގައި ރިއްސުމަށް މެދުވެރިވާ އެއް ސަބަބަކީ އުސް ފައިވާނަށް އެރުމެވެ. ހަށިގަނޑުގެ ބުރަދަން އުނަގަނޑާއި ބުރަކަށްޓަށް އުފުލަން ޖެހުމުގެ ސަބަބުން މި ތަންތަނުގައި ރިއްސަން މެދުވެރިވެ އެވެ.
ނަމަވެސް ހިނގާ އިރު ހަށިގަނޑު ސީދާކޮށް ބަހައްޓައި، ކަސްރަތުކޮށް ޔޯގާ ހަދާ ނަމަ މި މައްސަލަތައް ހައްލު ކުރެވިދާނެ އެވެ.
4. ފިޔަވަޅުގެ ބައްޓަން ހަޑިވެ ފުންނާބުގެ ކުލަ ބަދަލުވުން
ފިޔަވަޅު އަދި ފުންނާބަށް ހަށިގަނޑުގެ ބުރަދަން އުފުލަން ޖެހުމުގެ ސަބަބުން ފުންނާބު ހަރުވެ ރީނދޫވުން އެކަށީގެން ވެ އެވެ. އަދި ފިޔަވޅުގެ ބައްޓަން ހަޑިވުން ވެސް އެކަށީގެން ވެ އެވެ.
މިކަން ހައްލު ކުރުމަށް ކޮންމެ ދުވަހަކު ފައި މަސާޖުކޮށް ތެޔޮ ނުވަތަ މޮއިސްޗަރައިޒިން ކްރީމް އުނގުޅަންވާނެ އެވެ. އަދި ފަޔަށް ވަރަށް ބޮޑަށް ސަމާލުވާން ވާނެއެވެ.