ސަރުކާރާއި ރައްޔިތުން ހިއްސާވާ އެމްޓީޑީސީން އައްޑޫގައި ތަރައްގީ ކުރި ފުރަތަމަ ރިސޯޓް ހެރަތެރަ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސެއިން އަފީފް ހިއްސާވާ ޓޮޕް ޓްރީ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް 30 މިލިއަން ޑޮލަރަށް (462.6 މިލިއަން ރުފިޔާ) ވިއްކާލަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ހުސެން އަފީފަކީ ހެރަތެރަ ތަރައްގީކޮށް 2007 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު އޮޕަރޭޝަނަށް ހުޅުވާލި އިިރު، އެމްޓީޑީސީގެ ޗެއާމަންގެ މަގާމުގައި ވެސް ހުންނެވި ބޭފުޅާ އެވެެ. އެގޮތުން ހެރަަތެރަ ތަރައްގީ ކުރުމުގައި އޭނާ ވަރަށް އިސް ދައުރެއް އޭރު އަަދާކޮށްފައިވެ އެެވެ.
އެމްޓީޑީސީގެ އޮފިޝަަލަކު ވިދާޅުވީ ހެރަތެރަ ވިއްކާލަން ނިންމީ ޓުއަ އޮޕަރޭޓަރުން ބޭނުންވާ ފެންވަރަށް ރިސޯޓް ހިންގުމަށް ބޭނުންވާ ގާތްގަނޑަކަށް ހަތް މިލިއަން ޑޮލަރު ލިބެން ނެތުމުން ކަމަށެވެ.
އޭނާ ވިދާޅުވީ ހެރަތެރަ ހެޑްލީސް ގަނެގެން ހިންގަން ސިންގަޕޫރުގެ ކުންފުންޏަކުން ވެސް ޝައުގުވެރިކަން ފާޅުކުރި ކަމަށެވެ. އަދި ސަބްލީސްގެ ގޮތުގައި ހިންގަން ޗައިނާ ކުންފުންޏަކުން ވެސް ހުށަހެޅި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެމްޓީޑީސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނަނަނީ އެ ކުންފުނިން ހިންގަމުން އަންނަ ހެރަތެރަ އައިލަންޑް ރިސޯޓްގެ ހެޑްލީސް، ޓްރީ ޓޮޕް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑަށް ވިއްކާލަން ނިންމީ އެ ކުންފުނީގެ ބޯޑުން މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު ކަމަށެވެ.
ގަން އެއާޕޯޓް ހިންގާ އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް (އޭއައިއޭ) 30 ޕަސެންޓް ވެސް ހިއްސާ ކުރާ ޓޮޕް ޓްރީ ކުންފުނީގެ އެއް ހިއްސާދާރު ޗަންޕާ އަފީފް "ސަން އޮންލަިން" އަށް ދެއްވާފައިވާ އިންޓަވިއުއްގައި ވިދާޅުވެފައި ވަނީ ހެރަތެރަ ގަންނަން އެ ކުންފުނިން ހުށަހަޅާފައި ވަނީ 30 މިލިއަން ޑޮލަރަށް ކަމަށެވެ. އަދި އެ ކުންފުނިން އެގޮތަށް ހުށަހަޅައި ބޯޑުން ފާސް ކުރި ނަމަވެސް މުޅި މަރުހަލާ ނިމެން އަދި ކައިރި ވެސް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޓީޑީސީން ތަރައްގީ ކުރި ހެރަތެރަ މީގެ ކުރިން ވެސް ދެ ކުންފުންޏަކުން ހިންގުމުގައި ނާކާމިޔާބް މަސައްކަތްތަކެއްކޮށްފައިވެ އެވެ.
އެގޮތުން ޔޮޓް ޓުއާސް އިން 2008 ވަނައަހަރުގެ މޭ މަހުން ފެށިގެން 2009 ވަނަ އަހަރުގެ އޮގަސްޓަ މަހާ ހަމައަށް އެ ރިސޯޓް ހިންގާފައިވެ އެވެ.
އޭގެ ފަހުން އަދި 2010 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން 2012 ވަނަ އަހަރުގެ ބޮޑު ބައެއްގައި ރިޒޯޓް ހިންގާފައި ވަނީ ތައިލަންޑްގެ އޮނިކްސް ހޮސްޕިޓާލިޓީ ގްރޫޕުންނެވެ.