އަންނަ މަހު އަމަލީ މަސައްކަތް ފަށާ 300 އަށް ވުރެ ގިނަ ހައުސިން ޔުނިޓް އަޅަން ނިންމާފައިވާ އިރު، އެ ޔުނިޓްތައް އަޅަން ނިންމާފައި ވަނީ ހިތަދު އާއި ހުޅުމީދޫގައި ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ވިދާޅުވީ އައްޑޫގައި އަޅަން ނިންމާފައި ވަނީ 315-320 އާ ދެމެދުގެ އަދަދެއްގެ ހައުސިން ޔުނިޓް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ހިތަދޫގައި އަޅާނީ ހުޅުމާލޭގައި އަޅާފައިވާ ކަހަލަ ހަތަރު ބުރީގެ ފްލެޓްތަކެއް ކަމަށެވެ. އަދި ހުޅުމީދޫގައި އަޅާނީ އެއް ބުރީގެ ހައުސިން ޔުނިޓްތަކެއް ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ އަލަށް އިމާރާތް ކުރަން ފަށާ ހައުސިން ޔުނިޓްތައް ނިމި، އެތަންތަން ލިބޭ ފަރާތްތަކާ ތަޅުދަނޑި ހަވާލު ކުރެވޭ އިރު، އަސާސީ ހުރިހާ ހިދުމަތްތަކެއް ވެސް އެތަންތަނުގައި ފުރިހަމަވެފައި ހުންނާނެ ކަމަށެވެ.
އޭގެ ތެރޭގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ހިމެނޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި ހައުސިން ޔުނިޓްތަކުގެ މަސައްކަތް 12 މަހާއި 18 މަހާ ދެމެދުގެ މުއްދަތެއްގައި ނިންމާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ވެސް އައްޑޫގައި 700 ހައުސިން ޔުނިޓް އަޅަން ނިންމި އެވެ. އެ މަޝްރޫއުގެ ދަށުން މިހާތަނަށް އިމާރާތް ކުރެވުނީ ފޭދޫގައި ހެދި 25 ހައުސިން ޔުނިޓް އެކަންޏެވެ.