Last Updated: November 27, 20:03
Wednesday, November 27, 2024
ރިޕޯޓް

ޒިންމާ ނަގާނެ ފަރާތެއް ނެތް!

ރައީސް ވަހީދު ފެބްރުއަރީ 26، 2012 ގައި ހިތަދޫ ހޮސްޕިޓަލްގައި. ފޮޓޯ/ ރައީސް އޮފީސް

އައްޑޫ ސިޓީއަކީ ރާއްޖޭގެ ދެކުނުން މާލެ ފިޔަވައި އާބާދީ ބޮޑު އެއް އަތޮޅޭ ދެންނެވުމަކުން ދޮގަކަށް ނުވާނެ އެވެ.
ތަޢުލީމުން ފެށިގެން ގޮސް، ބޭސް ފަރުވާ އާއި ގެދޮރު އިމާރާތް ކުރުމުގެ ސާމާނާއި ކާބޯތަކެއްޗާއި އަދިވެސް ދިރިއުޅުން އެ ކަމަކަށް ބަރޯސާ ވެފައިވާ އެންމެހާ ކަންތައްތަކެއްގެ މައި އަތޮޅެކެވެ.

މިހާރުގެ ގޮތަށް ބުނާނަމަ "ބޮޑު ސިޓީ" އެކެވެ. ނަމަވެސް ހިތާމައަކީ މި ސިޓީ އަށް ލިބެން ޖެހޭ އަސާސީ ހިދުމަތް އެންމެ ރަނގަޅަށް ނުލިބޭ ކަމެވެ. ކިރިޔާވެސް އުއްމީދެއް ލިބެނީ އިންތިޚާބެއް ކައިރިވަމުންނެވެ.

ސަރުކާރެއްގެ ޒިންމާއަކީ ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކޮށް އެ ބައި މީހުންނަށް ބޭނުންވެފައިވާ އަސާސީ ހިދުމަތްތައް ފޯރުކޮށް ދިނުމެވެ. ހާއްސަ ގޮތެއްގައި ރަނގަޅު ސިއްޙީ ހިދުމަތެއް ފޯރުކޮށް ދެއްވުމަކީ މިހާރުން މިހާރަށް ވެސް ކުރަންޖެހިފައިވާ ކަމެކެވެ.

އައްޑޫ ސިޓީގައި ހުރި ސަރުކާރުގެ ހަމައެކަނި ހޮސްޕިޓަލަކީ ހިތަދޫ ރީޖިނަލް ހޮސްޕިޓަލެވެ. ކަށީގެ ޑޮކްޓަރެއް ނެތި އެތައް ދުވަހެއް ފާއިތުވަމުން ދާއިރު ވެސް ސަރުކާރު "އިއްޒަތްތެރިންނަށް" މިކަން ހަމަ ނޭގެނީ ބާވަ އެވެ؟
ދުވާލަކު އެތައް ހާދިސާތައް ހިނގަމުންދާ އިރު ފަރުވާ ހޯދަން ހޮސްޕިޓަލަށް އަންނަ އިރު ކަށީގެ ޑޮކްޓަރެއް ނެތެވެ. ފުރައިގެން މާލެ ދާން ޖެހެ އެވެ. ބޮލެއްގައި ރިއްސާލިޔަސް ހާލަތީ ހަމަ މި އެވެ.
ހުރިހާ ކަމެއްވެސް އަދިވެސް ސަރުކާރުން ކޮށްދެއްވަނީ "ފުރަ މާލެ" އަށެވެ. އައިޖީއެމްއެޗް ހިންގުމަށްޓަކައި އަދި އެ ހޮސްޕިޓަލުން ދޭންޖެހޭ ޚިދްމަތްތައް ދިނުމަށްޓަކައި ހޯދަން ޖެހޭ އެއްޗެތި ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރައްވަމުން ގެންދަވާނެ ކަމުގައި ރައީސް ޑރ. މުޙަންމަދު ވަޙީދު ވިދާޅުވި އިރު ހިތަދޫ ހޮސްޕިޓަލުގެ ހާލަތަކީ ކޮބައިކަން ހަމަ ނޭގެނީ ހެއްޔެވެ؟

އައިޖީއެމް ހޮސްޕިޓަލުން ވެސް އަދި އެހެން ރީޖަނަލް ހޮސްޕިޓަލްތަކުންވެސް ފުރިހަމައަށް ޚިދުމަތް ނުދެވޭކަން ނުވަތަ ހޮސްޕިޓަލްގެ ކަންކަން ރަނގަޅަށް ނުދާކަމަށް އެނގިވަޑައިގެންފި ނަމަ، އެކަންކަން ރަނގަޅު ނުކުރައްވައި ނުހުންނަވާނެ ކަމުގައި ވިދާޅުމުން ދޭހަވަނީ ހިތަދޫ ހޮސްޕިޓަލަށް ދިމާވެފައިވާ ކަންތައްތައް އެ މަނިކުފާނަށް ނޭގެނީ ކަމަށެވެ. ނުވަތަ ހޮސްޕިޓަލް ހިންގަން ތިއްބެވި ވެރިން އެކަމުގެ މައުލޫމާތު ކަމާއި ބެހޭ ފަރާތްތަކަށް ނުދެއްވަނީ އެވެ.

ބަޖެޓްގައި ފައިސާ ނެތިގެން ކުރަންޖެހޭ ކަމެއް ނުކުރެވި ނުވަތަ ދޭންޖެހޭ ޚިދްމަތެއް ނުދެވި ނުވަތަ ހޯދަންޖެހޭ އެއްޗެއް ނުހޯދި ހިނގައިދާނެ ކަމަށް ހީފުޅު ނުކުރެއްވުމަށާއި، ހޮސްޕިޓަލްގެ ކަންކަން ރަނގަޅު ކުރެއްވުމަށް ކުރެވެން ހުރި ކަންކަން ކުރައްވާނެ ރައީސް ވަނީ އައިޖީއެމްއެޗް ގައި ބޭއްވި ބައްދަލުމުމެއްގައި ވިދާޅުވެފަ އެވެ.

އެހެން ނަމަވެސް އެންމެ ފަހުންވެސް އައްޑޫއަށް ވަޑައިގެންނެވި އިރު ވެސް ހިތަދޫ ހޮސްޕިޓަލަށް ވަޑައިގެން އެތާ ތިއްބެވި މުވައްޒަފުންނާއި ބައްދަލު ނުކުރެއްވުމަކީ ވެސް ދެރަކަމެކެވެ. އެެކަމަކު ދެން ވިދާޅުވީ އައްޑޫގައި އިމާރާތް ކުރާ 100 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތް މި އަހަރު ފެށޭނެ ކަމަށެވެ. އިމާރާތަކުން ކުރާނީ ކީއް ހެއްޔެެވެ؟

މި ކަންތައްތަކަކީ ސިޔާސީ ކަންކަމަށް ނަހަދައި ހުރިހާ ފަރާތަކުން ވެސް ޒިންމާ ނަގައިގެން ކުރަން ފަށައިފި ނަމަ ރައްޔިތުން ބޮޑު ތަކުލީފަކާއި ކުރިމަތިލައި ރައްޔިތުން ޝަކުވާ ކުރާކަށް ނުޖެހޭނެ އެވެ.