އައްޑޫގައި ހަދަމުންދާ ޓާޝަރީ ހޮސްޕިޓަލަށް ގެނެސްފައިވަނީ މާލޭގެ އައިޖީއެމްއެޗްގައި ހުރި ފެންވަރުގެ އެންމެ ފަހުގެ އެމްއާރްއައި މެޝިނެއް ކަމަށް އެނގިއްޖެއެވެ.
އެމްއާރުއައި މެޝިން އައްޑޫ އަށް ގެނެސްފައިވަނީ ދުބާއީން ގަމަށް އައި ކާގޯ މަތިންދާ ބޯޓަކުންނެވެ. މިއީ އައިޖީއެމްއެޗްގައި ހުރި މޮޑެލްގެ މުޅިން އާ އެމްއާރްއައި މެޝިނެއް ކަމަށް މައުލޫމާތު ލިބެއެވެ.
ދިވެހި ސަރުކާރުން ޗާޓަރުކޮށްގެން ގެނައި މި ބޯޓުން ކޮންވެންޝަން ސެންޓަރުގައި ހަދަމުންދާ 100 އެނދުގެ ހޮސްޕިޓަލަށް ބޭނުންވާ އެމްއާރުއައި މެޝިންގެ އިތުރުން އަލްޓްރާ ސައުންޑް މެޝިނަކާއި ސީޓީ ސްކޭން މެޝިނެއް ވެސް ވަނީ ގެނެސްފައެވެ.
އީސީސީގައި ހަދާ ހޮސްޕިޓަލަށް ބޭނުންވާ މެޝިނަރީ ހޯދުމަށް ހަވާލުކޮށްފައިވާ މެޑިޓެކް ކުންފުނިން އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހޮސްޕިޓަލަށް ބޭނުންވާ މެޝިނަރީސް ގެނެސް އިންސްޓޯލު ކުރަންޖެހެއެވެ.
އައްޑޫ ޓަރޝިއަރީ ހޮސްޕިޓަލަކީ އައިޖީއެމްއެޗު ފިޔަވައި މިނިސްޓްރީ އޮފް ހެލްތުން ހިންގާ 100 އެނދުގެ ފުރަތަމަ ހޮސްޕިޓަލެވެ.
ހެލްތް މިނިސްޓްރީން ބުނީ ހޮސްޕިޓަލު ހިންގުމަށްޓަކައި ޚާއްސަ އޮނިގަނޑެއްވެސް ތައްޔާރުކޮށް މިހާރު ވަނީ ނިމިފައެވެ. އަދި މި ހަފްތާގެ ތެރޭގައި މި އޮނިގަނޑު ސިވިލް ސަރވިސް ކޮމިޝަނަށް ހުށައަޅާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އޮނިގަނޑު ސިވިލް ސަރވިސްއަށް ފޮނުވުމަށްފަހު ދެން ކުރިއަށް ގެންދާނީ މުވައްޒަފުން ނެގުމުގެ މަސައްކަތްކުރުން ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
އަދި ކުރިއަށް އޮތް ދެތިން މަސްތެރޭގައި އައްޑޫ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް ނިމި އެތަނުން ޚިދުމަތްދޭން ފެށޭނެކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.