ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ދިފާއުކޮށް ވާހަކަ ދެއްކި އިނގިރޭސި ޕާލަމެންޓުގެ މެމްބަރަކު ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ހިލޭ ދަތުރެއް އޭރުގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ދެއްވި ކަމަށް އިނގިރޭސި އެންމެ ބޮޑު ނޫސް އޭޖެންސީ ބީބީސީ އިން ރިޕޯޓުކޮށްފިއެވެ.
ޔާމީންގެ ވެރިކަމާއި ސިޔާސަތުތަކާ މެދު ބޭރު ދުނިޔޭގައި ވަރަށް ގިނަ ސުވާލުތަކެއް އަދި ތުހުމަތުތަކެއް އުފައްދަމުން ދިޔަ ދަނޑިވަޅެއްގައި އިނގިރޭސި ޕާޓީއެއް ކަމަށްވާ ދަ ޑިމޮކްރެޓިކް ޔޫނިއަންސް ޕާޓީގެ މެމްބަރު އިއަން ޕެއިސްލީ ވަނީ ރާއްޖެ ވަޑައިގެންފައެވެ. އަދި އޭނާ ވަނީ މަޖިލީހުގައި އަދި މީޑިޔާގައި ވެސް ދިވެހި ސަރުކާރާ ދެކޮޅަށް ބައިނަލް އަގުވާމީ ގޮތުން އެޅުނު ފިޔަވަޅުތައް ކުށްވެރިކޮށް ދިވެހި ސަރުކާރު ދިފާއުކޮށް ވާހަކަ ދައްކަވާފައެވެ.
ޕެއިސްލީ، އާއިލާއެކު ރާއްޖެއަށް ކުރި ދަތުރުގެ ތަފްސީލު މަޖިލީހަށް ހާމަކޮށްފައިނުވާކަން ބީބީސީއިން ކުރިން ރިޕޯޓުކޮށްފައިވާއިރު އޭނާ ވަނީ އޭރު، ދަތުރުގެ އެއް ބައި ޚަރަދުކުރީ އޭނާ ކަމަށާއި އަނެއް ބައި ޚަރަދުކޮށްދެއްވީ އެކުވެރިއެއް ކަމަށް ބުނެފައެވެ. ނަމަވެސް ޕެއިސްލީ ވަނީ އޭނާގެ ނަން ހާމަނުކޮށް އެއީ މަސައްކަތާ ގުޅުން ނެތް އެކުވެރިއެއް ކަމަށް ބުނެ ނިންމާލާފައެވެ.
ބީބީސީ އިން ޕެއިސްލީއާއި އެހެނިހެން މެމްބަރުންތަކެއް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ކުރިން އާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށް އައިސްފައިވާ ކަން ހާމަކޮށްފައެވެ. ޕެއިސްލީގެ ދަތުރުގައި ރާއްޖެ ވަޑައިގެން މާފުށީ ޖަލުގައި ކުރީގެ ރައީސް އަދި މިހާރުގެ މަޖިލީސް ރައީސް މުހައްމަދު ނަޝީދު ބަންދުކޮށްފައި ހުރި ގޮޅިއަށް ވަޑައިގެން އޭގެ ފޮޓޯ އާންމުކޮށްފައެވެ.
ބީބީސީ އިން ޕެއިސްލީގެ މިދަތުރަށް ދިވެހި ކުރީގެ ވަޒީރު ޝައިނީ ޚަރަދުކުރި ކަމަށް ރިޕޯޓުކުރި ނަމަވެސް ޝައިނީ ވަނީ އެކަން ދޮގުކޮށްފައެވެ. ނަމަވެސް ބީބީސީ އިން ކުރި ތަހުގީގުތަކުން އެނގިފައިވާ ގޮތުގައި ޕެއިސްލީ ރާއްޖެއައުމަށް ބުކިން ވެސް ހައްދާފައިވަނީ އޭރު މިނިސްޓަރަކަށް ހުންނެވި ޑރ. ޝައިނީއެވެ.
ޑރ. ޝައިނީ އަކީ ރައީސް ޔާމީންގެ ވެރިކަން ނިމެންދެން ވެސް އެމަނިކުފާނާ އެންމެ ގާތުން މަސައްކަތް ކޮށް، ޕާޓީ އާއި ވެރިކަން ދިފާއު ކުރެއްވުމުގައި އެންމެ އިސްކޮށް ހުންނެވި އެއް ބޭފުޅާއެވެ.