ޗައިނާގެ މެޑިކަލް ޝިޕް "ޕީސް އާކް" މި މަހުގެ ފަހުކޮޅު ރާއްޖެ އަންނަ ގޮތަށް ވަނީ ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން ބުނީ މި މަހުގެ 29 އިން ޖުލައި 5 އަށް ރާއްޖެ އައުމަށް ހަމަޖެހިފައިވާ މި ޝިޕް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޞިއްޙީ ޚިދުމަތް ފޯރުކޮށް ދިނުމަށް ހަމަޖެހިފައި ވަނީ "މިޝަން ހާމަނީ 2013" ގެ ނަމުގަައި ކަމަށެވެ.
މި ޝިޕަކީ ރާއްޖޭގެ އިތުރުން ދުނިޔޭގެ ގިނަ ޤައުމުތަކަކަށް ގޮސް އެ ޤައުމުތަކުގައި ތިބި އެކިއެކި ބަލިތަކުގެ މީހުންނަށް ފަރުވާ ދެވެމުން އަންނަ ޚާއްޞަ މެޑިކަލް ޝިޕެކެވެ.
އެގޮތުން ރާއްޖޭގައި ވެސް މި ޝިޕުން ފަރުވާ ހޯދުމަށް އެދޭ ފަރާތްތަކަށް ސިއްޙީ ފަރުވާ ހިލޭ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ފަރުވާ ހޯދުމަށް ބޭނުންވާ ފަރާތްތަކުން އެޕޮއިންޓްމެންޓް ހެއްދުމަށް ވަކި ފޯނު ނަމްބަރެއް ޤާއިމް ކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
"ޕީސް އާކް" ރާއްޖެއަ ށް މި ކުރާ ޒިޔާރަތުގައި ޚާއްޞަ ޑޮކްޓަރުންގެ ޓީމްތަކަކުން އެމްއެންޑީއެފްގެ ސެނަހިޔާ ހޮސްޕިޓަލާއި އަދި އައިޖީއެމް ހޮސްޕިޓަލުގަ އިވެސް އެކިއެކި ބަލިތަކަށް ފަރުވާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން ރާއްޖޭގެ ބައެއް ރަށްތަކުގައި ތިބި ބަލި މީހުންނަށް ވެސް ފަރުވާ ދިނުމުގެ އިތުރުން، މާލޭގެ ބައެއް ސްކޫލްތަކުގެ ދަރިވަރުންނަށް ސިއްޙަތާ މެދު ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތަކެއް ހިންގުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ޗައިނާ ނޭވީގެ މެޑިކަލް ޝިޕް "ޕީސް އާކް" އަކީ ފެންވަރު ރަނގަޅު ހޮސްޕިޓަލަކުން ދެވޭ ހުރިހާ ޚިދުމަތެއް ލިބެން ހުންނަ ޝިޕެކެވެ.
މި ޝިޕްގެ އޯޕީޑީގައި އެއް ފަހަރާ 400 ބަލި މީހުންނަށް ދަތިކަމެއް ނެތި ޚިދުމަތް ފޯރުކޮށްދެވޭ އިރު، ދުވާލަކު 40 ސަޖަރީ މި ޝިޕްގައި ހަދަ އެވެ. އަދި މި ޝިޕްގައި އައިސީޔޫގެ 20 ވޯޑަކާއި، ދަތިކަމެއް ނެތި ގިނަ ބަޔަކަށް ޚިދުމަތް ދެވޭ ވަރުގެ ބޮޑު ފާމަސީއެއްގެ އިތުރުން އެންމެ ފަހުގެ ޓެކްނޮލެޖީ އާ އެކު ލެބޯޓްރީތައް ވެސް ޤާއިމު ކުރެވިފައި ވެ އެވެ.
މީގެ އިތުރުން އެކްސްރޭގެ ޚިދުމަތުން ފެށިގެން ސީޓީ ސްކޭނާއި އަދި މި ނޫނަސް ސިއްޙަތާ ގުޅުން ހުރި ގިނަ ޚިދުމަތްތަކެއް މި ޝިޕުން ލިބެން ހުރެ އެވެ.
ޗައިނާގެ މެޑިކަލް ޝިޕް "ޕީސް އާކް"ގެ ދަތުރާ ބެހޭ މީޑިއާ ކަވަރޭޖް އެމްއެންޑީއެފްގެ އިތުރުން، ރާއްޖޭގެ މީޑިއާތަކުން ވެސް ގެނެސްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.