ނޮވެމްބަރު 3 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ އެއް މޭސްތިރި ކަމަށްވާ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީގެ ނަމުގައި ޓުވިޓާގައި އެކައުންޓެއް ހަދައި ޓުވީޓު ކުރަމުން އެބަ ގެންދެއެވެ.
ލުތުފީ ޖަލަށް ލާފައިވަނިކޮށް ރާއްޖެއިން ފިލައިގެން ބޭރުގައި އެތައް އަހަރެއް އުޅުމަށް ފަހު މިމަހު ތެރޭ ވަނީ ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ގޮސް އަމިއްލައަށް ހަވާލުވެފައެވެ. އޭނާ ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ދިވެހި ފުލުހުން ވަނީ ބުނެފައެވެ.
މިދަނޑިވަޅުގައި ލުތުފީގެ ނަމުގައި ހެދިފައިވާ ޓުވިޓާ އެކައުންޓުން ކުރި ޓުވީޓުތަކުގައި ވަނީ ދިވެހި ގައުމަށް ބާޣީންނާއެކު އައިސްފައިވަނީ މީހުން މެރުމުގެ މަގުސަދުގައި ނޫން ކަމަށާއި، ކުށްތަކަށް ޖަވާބުދާރީ ވުމުގެ ފުރުސަތު އޭރުގެ ސަރުކާރުން ދީފައިނުވާ ކަމަށެވެ.
އަދި އެފުރުސަތު ދީފިނަމަ ކުށެއް ނެތް ކަން ސާބިތުކޮށްދޭނެ ކަމަށާއި، މަރުވި އާއިލާތަކުގެ ކިބައިން މައާފަށް އެދޭ ކަމަށް ވެސް މި ޓުވީޓު ތަކުގައި ބުނެފައިވެއެވެ.
ނަމަވެސް މިއީ ހާޖަރާގެ ލުތުފީ ކުރާ ޓުވީޓުތަކެއް ކަމެއް އަދި ސާފުވެފައެއް ނުވެއެވެ. ދިވެހި އެމްބަސީގެ ބެލުމުގެ ދަށުގައި ލުތުފީ ހުރިއިރު މިކަމާ ގުޅޭގޮތުން ދިވެހި ސަރުކާރުން އަދި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.