މާމިގިލި އެއާޕޯޓުގައި ފުރަން ތައްޔާރަށް އޮތް މަތިންދާ ބޯޓަކަށް ގަވާއިދާއި ޚިލާފަށް މީހަކު އަރައިފިއެވެ.
މިއަދު ހިނގި މިހާދިސާގައި ބޯޓަށް އަރާފައިވަނީ އެއާސައިޑަށް ވަދެވޭ ގޮތަށް ހުރި ގޭޓުން ދުވެފައި ގޮހެވެ. އަދި އޭނާ ވަނީ ބޯޓުގައި ބޯޑިންވެ ހުރިން މަންމައެއްގެ އަތުގައި އޮތް ތުއްތު ދަރިފުޅު ޖަހައިގަނެފައެވެ.
ނަމަވެސް ސެކިއުރިޓީ އިން ވަނީ އޭނާގެ ފަހަތުން ދުވެ ގޮސް ބޯޓަށް އަރައި ގަވާއިދާއި ޚިލާފަށް ބޯޓަށް އެރި މީހާ ހުއްޓުވައި ބޯޓުން ބާލުވާފައެވެ. އަދި ތުއްތު ދަރިފުޅު މަންމައާއި ހަވާލުކޮށްފައިވާއިރު މިއަމަލު ހިންގި މީހާ ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.
އޭވިއޭޝަން ސެކިއުރިޓީ އިން ނެރުނު ބަޔާނެއްގައި ހާދިސާ ހިނގާދިޔަ ގޮތް ބަޔާންކޮށްފައިވާއިރު އެ އިދާރާއިން ވަނީ އެއާޕޯޓު ތަކާ ބެހޭގޮތުން ހެދިފައި ހުންނަ ގަވާއިދުތަކަށް އެންމެ ރައްޔިތުން ވެސް ބޯލެނބުމަށް އިލްތިމާސްކޮށްފައެވެ.
ހުއްދައާ ނުލާ އެއާޕޯޓުތަކުގެ އެއާސައިޑަށް އަދި ރަންވޭއަށް އެރުމަކީ މަނާ ކަމެކެވެ.