ހުޅުމީދޫ މެދު ބަނދަރު ތަރައްޤީ ކުރުމަށް 90 މިލިއަން ރުފިޔާ ހަރަދު ހިނގާނެކަމަށް ޕްލޭނިން މިނިސްޓާރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ހުޅުމީދޫ ބަނދަރުގެ ޝަކުވާ ރައްޔިތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް ގެނައުމާއި ގުޅިގެން އެ ބަނދަރު ބޭނުން ކުރެވޭ ގޮތް ހެދުމަށް އެމްޓީސީސީ އާއި އެކު ދިރާސާކޮށް މިހާރު އެކަމަށް ހިނގާނެ ހަރަދު ސާފުވެފައިވާ ކަމަށެވެ.
އަސްލަމް ވިދާޅުވީ އެމްޓީސީސީން ބެލި ބެލުމުން ބަނަދަރު ފުން ކޮށް ބޭނުން ކުރެވޭ ގޮތް ހެދުމަށް 90 މިލިއަން ރުފިޔާ ހަރަދުވާނެއެއެވެ. އަދި ހުޅުމީދޫ ބަނދަރު ބޭނުން ކުރެވޭ ގޮތް ހެދުމުގެ ގޮތުން މިފްކޯ އާއި ފިޝަރީޒް މިނިސްޓްރީ އާއި އެކުވެސް މަޝްވަރާ ކުރެވެމުން އަންނަ ކަމަށް އަސްލަމް ވިދާޅުވިއެވެ.
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ހަދަން ފެށި ހުޅުމީދޫ ބަނދަރު ނިންމާލާފައިވަނީ ރައިސް ވަހީދުގެ ވެރިކަމުގައެެވެ.