އައްޑޫގެ މަގުތަކާއި ބިން ހިއްކޭނެ ފައިސާއެއް ބަޖެޓުގައި ނެތްކަމަށް ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް މިގޮތަށް ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރު ކުރުމުންނެވެ.
މަރަދޫ ބަނދަރުގެ މަޝްރޫހު ހުއްޓިފައިވާތީ މިނިސްޓަރ އަސްލަމް މިއަދުގެ މަޖްލިސްގެ ޖަލްސާއަށް ހާޒިރުކޮށް ސުވާލު ކުރެއްވުން ވިދާޅުވީ މަރަދޫގެ ބަނދަރުގެ މަސައްކަތް ހުއްޓިފައިވަނީ އައްޑޫ ސިޓީ ކައުންސިލްގެ އެދުމުގެ މަތިން، 15 މިލިއަން ރުފިޔާގެ އެ ޕްރޮޖެކްޓަށް ބައެއް ބަދަލުތައް ގެނައުމަށްކަމަށެވެ.
އަސްލަމް ވިދާޅުވީ އައްޑޫ ކައުންސިލުން ހުށަހެޅި ކަންކަން މިނިސްޓްރީ އާއި އެމްޓީސީސީން ބަލަމުން އަންނަ ކަމަށެވެ.
މި ޖަލްސާގައި ޝަރީފު ވަނީ މަރަދޫގެ ބިން ހިއްކުމާއި ގުޅޭ ގޮތުންވެސް ސުވާލު ކުރައްވާފައެވެ. ޝަރީފުގެ މި ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ އައްޑޫ ސިޓީގެ ބިން ހިއްކުމާއި މަގު ހެދުމުގެ މަސައްކަތް ކުރަން ފައިސާ ބަޖެޓު ކުރެވިފައި ނުވާކަމަށެވެ. ނަމަވެސް އެ މަސައްކަތް ކުރުމަށް ސަރުކާރުން ނިންމާފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގެ ދަށުން ކަމަށެވެ.
އަސްލަމް ވިދާޅުވީ އެކަމާ ގުޅޭ ޓާމްސް އޮފް ރެފަރެންސް ތައްޔާރުކޮށް ސަރުކާރުން މިއަދު އިންޑިއާއަށް ފޮނުވާނެ ކަމަށާއި، މަސައްކަތް ފަށައިގަނެވޭނީ އެގްޒިމް ބޭންކުގެ އެޕްރައިޒަލް ތައްޔާރުކޮށް ނިމުމުން ކަމަށެވެ.
އަސްލަމް ވިދާޅުވީ މިހާރު ބަޖެޓުގައި ހުރި ފައިސާއިން މަސައްކަތް ފަށައިފިނަމަ ހަމައެކަނި ކުރެވޭނެ ކަމަކީ ކޮންޓްރެކްޓަރ އަށް ދޭން ޖެހޭ އެޑްވާންސް ފައިސާ ދިނުން އެކަނި ކަމަށެވެ. އަދި އެހިސާބުން މަސައްކަތް ހުއްޓޭނެ ކަމަށެވެ.