ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރުމުގެ ބޭނުމަކީ ހަމައެކަނި އެ އިންތިޚާބުކޮށް ރާއްޖޭގެ ވެރިކަމަށް އައުން ނޫން ކަމަށާއި އެ އަށްވުރެ މުހިއްމީ ދިވެހިންގެ ޤައުމިއްޔަތާއި އިސްލާމް ދީން ދިފާއުވެ ރާއްޖެ ތަރައްޤީ ވެގެން ދާނޭ ފަދަ ޑިމޮކްރެޓިކް ހަމަތަކެއް ޤާއިމް ވެގެން ދިއުން ކަމަށް އެމްޑީޕީންގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދަރުބާރުގޭގައި ބޭއްވި އެޕާޓީގެ 116 ވަނަ ޤައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ.
މި މޭރުމުން ނަޝީދު ވިދާޅުވީ ކެމްޕޭނުގެ ޙަޤީގީ ބޭނުމަކީ ދިވެހި ރާއްޖޭގެ ޤައުމިއްޔަތާއި ދިވެހިންގެ މާތް ވެގެންވާ އިސްލާމް ދީނާއި ދިވެހިންގެ އިންސާނީ ޙައްޤުތައް އަދި ދިވެހިންނަށް ބޭނުންވާ ތަރައްޤީގެ ފުރުޞަތުތައް ލިބޭނޭ ގޮތަކަށް ސަރުކާރު އުފެދޭނޭ ގޮތެއް ވެގެން ދިއުން ކަމަށެވެ.
"މިއަދު ހަމަ ގައިމު ވެސް އަޅުގަނޑު މިހުރީކީ ހަމައެކަނި އިންތިޚާބު ކާމިޔާބު ކުރާކަށް ނޫން. އަޅުގަނޑުމެންގެ އެންމެ މުހިއްމު އެންމެ ބޮޑު މަސްއޫލިއްޔަތަކީ އަޅުގަނޑު ދެކޭ ގޮތުގައި ދިވެހި ރާއްޖޭގައި ޑިމޮކްރަސީ އަށަގެންނެވުން. އަޅުގަނޑުމެންގެ ދަރިންނާއި ދަރިންގެ ދަރިންނަށް މިފަދަ ޑިމޮކްރެޓިކް އިންތިޚާބު ތަކެއްގައި ވާދަކުރެވި ޤައުމަށްޓަކައި މަސައްކަތް ކުރެވޭނޭ ފުރުސަތުތަކެއް އަޅުގަނޑުމެން މިކުރާ މަސައްކަތުން ލިބިގެން ދިއުން." ރައީސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީގެ ބޭނުމަކީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުން ނޫން ކަމަށާއި އެމްޑީޕީގެ ބޭނުމަކީ ދިވެހި ރާއްޖޭގައި ޑިމޮކްރެޓިކް އުސޫލުތަކެއް ޤާއިމް ކުރުން ކަމަށެވެ.
ރައީސް އިތުރަށް ނަޝީދު ވިދާޅުވީ އެމްޑީޕީން މި އިންތިޚާބު ކާމިޔާބު ކުރާއިރު ދެވަނަ ބަޔަކީ ނުވަތަ ވާދަވެރިންނަކީ ކޮން ބައެއްކަން ކަނޑައަޅަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ އިންތިޚާބުގައި އެއްވަނަ އަށް ދާނެ ކަމާމެދަކު ހިތުގައި އެއްވެސް ޝައްކު ކަމެއް ނެތް ކަމަށާއި ރާއްޖޭގެ ގިނަ ރައްޔިތުން ވެސް އެގޮތަށް ޤަބޫލު ކުރާ ކަމަށެވެ.
މީގެ އިތުރުން ދެވަނަ އަށް ދާނީ ކޮން ބައެއްތޯ އާއި ވާދަވެރިންނަށް ވާނީ ކޮން ބައެއްތޯ ރައްޔިތުން ސުވާލު ކުރައްވާ ކަމަށެވެ. އެހެންކަމުން މި ފަހަރު ވާދަވެރިންގެ ގޮތުގައި ބައިތިއްބާނީ ކޮން ބައެއްތޯ ވެސް މި އިންތިޚާބުގައި ކަނޑައަޅަން ޖެހިފައިވާ ކަމަށް ވެސް ޝީދު ވިދާޅުވި އެވެ.
އަދި ބަޣާވާތުގެ އަހުލުވެރިން ނުވަތަ ބާޣީން ވާދަވެރިންގެ ގޮތުގައި ތިބޭކަށް ދިވެހި ރައްޔިތުންނެއް ނޭދޭ ކަމަށާއި އެހެން ކަމުން ދެވަނަ ބަޔަކަށް އެބޭފުޅުން ނުގެންނެވޭނެ ކަމަށެވެ.
"މިދަންނަވާ ވާހަކައަކީ އަޅުގަނޑުގެ ކުރީގެ ނައިބު ރައީސް ދެވަނައިގާ ބާއްވާކަށް އަޅުގަނޑުމެންނަށް ފުރުސަތު ދެވޭކަށް ނެތޭ، މިފަހަރު އެކަން ކޮށްދެވޭކަށް ނެތޭ. އަޅުގަނޑުމެން ވިސްނަންވީ އަޅުގަނޑުމެންގެ ވާދަވެރިންގެ ގޮތުގައި ބާއްވާނީ ކޮންބައެއް ކަމާ މެދު." ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީގެ ކެންޕޭން ވަރަށް ފޯރިއާ އެކު ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި ފައިސާގެ އެހީތެރިކަން ވެސް ޕާޓީއަށް ހެޔޮ އެދޭ ޕާޓީގެ ޢާއްމު މެންބަރުން ދެމުންދާ ކަމަށެވެ.
"ޢާއްމު މެންބަރުން 5 ރުފިޔާ އިން 10 ރުފިޔާ އިން ވަރަށް ގިނަ ޢަދަދެއްގެ ފައިސާ ދަނީ އޮއްސަމުން." ނަޝީދު ވިދާޅުވި އެވެ.