ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގެ މޭސްތިރި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ މިނިވަން ނުކުރައްވާނެ ކަމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހު ވިދާޅުވީ ލުތުފީ އަކީ އަދިވެސް މި ގައުމުގެ އެންމެ ބޮޑު ކުށްވެރިޔާ ކަމަށާއި އެއަށް ބަދަލެއް ނާންނަ ކަމަށެވެ.
"އެހެންވީމާ ލުތުފީ އަށް މާފު ދިނުމަކީ އަޅުގަނޑަށް ކުރެވޭނެ ކަމެއް ނޫން. ލުތުފީ އަށް ކޮށްފައި އޮތް ހުކުމް ތަންފީޒު ކުރަން ލުތުފީ ޖެހޭނެ" ރައީސް ވިދާޅުވިއެވެ.
ލުތުފީ އަކީ މިފަހުގެ ޒަމާނެއްގައި ރާއްޖެ ދުށް އެންމެ ބޮޑު ޙާއިނު ކަމަށާއި އެކަން އަބަދުވެސް އޮންނާނީ އެގޮތުގައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ލުތުފީ އަށް މާފު ނުދެއްވާނެކަން ރައީސް ހާމަކުރެއްވިއިރު، ލުތުފީ އަނބުރާ ރާއްޖެ ނުގެންނަ މައްސަލައާ ގުޅިގެން ދާދިފަހުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ކުއްލި މައްސަލައަކަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ލުތުފީ އަކީ ބަލި މީހެއް ކަމަށް ވިދާޅުވެ އޭނާ އަށް މާފު ދިނުމަށް ސަރުކާރާ ގޮވާލާފައެވެ.
ލުތުފީ އަކީ ނޮވެމްބަރު ތިނެއްގައި ރާއްޖެއަށް ދެވުނު އުދުވާނީ ހަމަލާއާއި ގުޅިގެން އުމުރު ދުވަހަށް ޖަލަށް ލާފައިހުރި މީހެކެވެ. ނަމަވެސް ބޭސްފަރުވާ އަކަށް 2011 ގައި ރާއްޖެއިން ބޭރަށް ފޮނުވުމުން އޭނާ ފިލާފައެވެ.
ފިލައިގެން އަށް އަހަރު އުޅުމަށްފަހު ލުތުފީ ވަނީ މިދިޔަ މޭ މަހުގެ އެއްވަނަ ދުވަހު ލަންކާގައި ހުންނަ ދިވެހި އެމްބަސީ އަށް ގޮސް ފުލުހުންނާ އަމިއްލަ އަށް ހަވާލުވެފައެވެ. ލުތުފީ އަނބުރާ ގެނައުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުން އަންނައިރު އޭނާ ނުގެނެވި ދުވަސްތަކެއް ވަނީ ލަންކާގެ ބަންޑާރަ ނައިބުގެ ފަރާތުން ލިބެންޖެހޭ ލިޔުމެއް ނުލިބޭތީ ކަމަށް ރައީސް ސޯލިހު މިއަދު ވަނީ ވިދާޅުވެފައެވެ.