Last Updated: February 10, 21:50
Monday, February 10, 2025
ޚަބަރު

ގުރައިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ކުއްލި ގޮތަކަށް ނިޔާވެއްޖެ

ކ. ގުރައިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް، މުހައްމަދު މޫސާ ކުއްލި ގޮތަކަށް އިއްޔެ ނިޔާވުމާއި ގުޅިގެން ކުރިއަށް އޮތް ތިން ދުވަހު ޝަރުއީ ކޯޓުތަކާއި އިދާރާތަކުގެ ދިދި ބައިދަނޑިއަށް ތިރި ކުރުމަށް ނިންމައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސްމެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު މޫސާ އަވަހާރަވުމާގުޅިގެން، މިއަދުން ފެށިގެން ކުރިއަށް އޮތް ތިން ދުވަހު ޝަރުޢީ ކޯޓުތަކާއި އިދާރާތަކުގެ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ނިންމަވާފައިވާ ކަމަށެވެ.

މުހައްމަދު މޫސާއަކީ 1990 ވަނަ އަހަރުން ފެށިގެން 29 އަހަރާއި 5 މަސްދުވަހު ފަނޑިޔާރު ކަމުގެ މަޤާމުގައި ޚިދުމަތްކުރައްވާފައިވާ، ބޭފުޅެކެވެ. ޑީޖޭއޭއިން ބުނީ އައުސްތާޛު މުޙައްމަދު މޫސާ އަކީ ކެއްތެެރިކަމާއި މުރާލިކަމާއެކު ޝަރުޢީ ދާއިރާއަށް ޚިދުމަތް ކުރެއްވި ބޭފުޅެއް ކަމަށެވެ.

ގުރައިދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އިސް މެޖިސްޓްރޭޓް ވަނީ ނިޔާވެފައެވެ. މުހައްމަދު މޫސާ ނިޔާވިއިރު އޭނާގެ އަންހެނުންނާއި ދެ ދަރިން ދުނިޔޭގައި އެބަތިއްބެވެ.