ފުލުހުންގެ ޒާތީ މައުލޫމާތާއި ފޮޓޯ ސޯޝަލް މީޑިޔާގައި އާންމުކޮށް ބިރުދެއްކުން ފަދަ އަމަލުތައް ނުކުރުމަށް ފުލުހުން ގޮވާލައިފިއެވެ.
ރޭ މާލޭގެ ގެއެއްގެ ތެރޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އާންމު މީހަކު ހައްޔަރުކުރުމުގެ ކުރިން އަނިޔާކުރި ވީޑިއޯއެއް އާންމުވެ މިއަދު ސޯޝަލް މީޑިޔާގައި ވަނީ ބައެއް ފުލުހުންގެ ފޮޓޯތައް އާންމުކޮށް ހަރުކަށިވި ފުލުހުންނަކީ އެއީ ކަމަށް ބުނެފައެވެ.
ފުލުހުން އެކަމާ ގުޅިގެން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެ މައްސަލަ ފުލުހުންގެ އެތެރޭގެ ތަހުގީގީ އިދާރާއިން ބަލަމުން އަންނަ ކަމަށާއި އާންމު ރައްޔިތުން ތަހުގީގަށް ބުރޫ އަރާނެ ފަދަ ކަންކަމުން ދުރުހެލިވެ ތިބުމަށް އެދޭ ކަމަށެވެ.
ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ވަނީ އޮޕަރޭޝަނުގައި ބައިވެރިވި އޮފިސަރުންނާ މިއަދު ބައްދަލުކުރައްވާފައެވެ. ކޮމިޝަނަރ ވަނީ ފުލުހުންގެ އިތުރުން އެޗްއާރުސީއެމާއި އެންއައިސީއަށް ވެސް އެމައްސަލަ ތަހުގީގު ކުރުމުގައި އެއްބާރުލުން ދެއްވާނެ ކަމަށާއި ހަރުކަށިވި ފުލުހުން ސަސްޕެންޑު ކުރާނެ ކަމަށެވެ.
ފުލުހުން ވަނީ ވީޑިއޯ އާންމުވުމުން ކައިރި ގެއަކަށް ވަދެ ވީޑިއޯ ނެގިތޯ ސުވާލުކޮށް ފޯނުތައް ބަލަން މަސައްކަތް ކޮށްފައެވެ. އަދި ވީޑިއޯ ޑިލީޓު ކުރުމަށް ބުނެ ބިރު ދައްކާފައިވާ ކަމަށް އެގޭގެ މީހުން ބުނެފައިވެއެވެ.