ފުލުހުންގެ ބައެއް ކުދިން އަދިވެސް ތިބީ "ޔާމީން" މޫޑުގައި ކަމަށާއި އެކުދިން އިސްލާހު ކުރަން ވަގުތު ނަގާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ކޯޓު އަމުރަކާއި އެކު މާލޭގެ ގެއަކަށް ފުލުހުން ތަކެއް ވަދެ މީހަކަށް އަނިޔާ ކުރަނިކޮށް ނަގާފައިވާ ވީޑިއޯއެއްގެ މައްސަލަ ބޮޑުވެފައިވަނިކޮށް ނިޒާރު ކުރެެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރީގެ ވެރިން ފުލުހުންނަށް އަނިޔާކޮށް ރައްޔިތުން މަތަ ކުރަން އަމުރު ކުރިކަމަށާއި، އެކުދިން އިސްލާހުވުމަށް ވަގުތު ނަގާނެ ކަމަށެވެ.
Eyruge verin e kudhin nah aniyaa koffa ves rayyithun matha kuran amuru kuri. E kudhin islaahu kuran vaguthu nagaane. Adhi e thibee "Yaamin" mood ga .
— Ali Nizar (@DhekunuNizar) July 6, 2019
"އޭރުގެ ވެރިން އެކުދިންނަށް އަނިޔާކޮށްފަވެސް ރައްޔިތުން މަތަ ކުރުމަށް އަމުރުކުރި. އެކުދިން އިސްލާހު ކުރުމަށް ވަގުތު ނަގާނެ، އަދި އެތިބީ ޔާމީން މޫޑުގައި"
ނިޒާރުގެ ވިދާޅުވިއެވެ.
އާއްމު މީހަކަށް ކުލަ ހެދުމުގައި ތިބި ފުލުހުންތަކެއް އަނިޔާކުރި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ޑިޕާޓްމަންޓާއި، ހިއުމަން ރައިޓްސް ކަމިޝަނުން ދަނީ ތަހްގީގު ކުރަމުންނެވެ.
ޕޮލިސް ކަމިޝްނާ މުހައްމަދު ހަމީދުވަނީ އެހާދިސާގައި ހިމެނޭ ފުލުހުން ވަގުތުން ސަސްޕެންޑުކޮށް މައްސަލަ ތަހްގީގު ކުރަން ފަށާފައެވެ. މި ހާދިސާ އާއި ގުޅިގެން ފުލުހުންނަށް ފާޑު ކިއުން އަމާޒުވެފައިވާ އިރު ސީޕީ ހަމީދުގެ އަވަސް ފިޔަވަޅަށް އެއްބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ.