Last Updated: April 21, 10:12
Monday, April 21, 2025
ޚަބަރު

ފްލެޓުގެ މައްސަލާގައި ދިއްދޫ ރައްޔިތުން ޢިހްތިޖާޖު ކުރަނީ

ފްލެޓުތަކުގެ މައްސަލާގައި ހއ.ދިއްދޫ ރައްޔިތުން ކައުންސިލް އިދާރާ ކުރިމަތީ އަޑުއުފުލާއި މުޒާހަރާ ކުރަން ފަށައިފިއެވެ.

ދިއްދޫ ރައްޔިތުން ނިކުމެ މުޒާހަރާ ކުރަމުން ދަނީ ފުރަތަމަ ބުރުގައި ދިއްދޫ އިން ފްލެޓްތައް ދީފައިވަނީ އިންސާފުން ނޫންކަމަށް ބުނެއެވެ. އަދި ދިއްދޫ ފްލެޓް ސަރަހައްދުގެ މަގުތަކުގައި ބައްތި ޖަހައިދީ މަގުތައް ތަރައްޤީކޮށްދިނުމަށް ވެސް މުޒާހަރާގެ ބައިވެރިން އަންނަނީ ގޮވާލަމުންނެވެ.

ދިއްދޫގައި ކުރިއަށްދާ މުޒާހަރާގައި ގިނަ އަދަދެއްގެ އަންހެނުންނާއި ޒުވާނުން ބައިވެރިވަމުން ދާއިރު، އެފަރާތްތަކުން ބެނާތަކާއި ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ބޭނުންކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

އިހްތިޖާޖް ހޫނު ވެދާނެ ކަމަށް ބަލާ ކައުންސިލް އިދާރާ ސަރަަހައްދުގައި ފުލުހުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

ދިއްދޫ ރައްޔިތުން މުޒާހަރާއަށް ނިކުމެފައިވާއިރުު، ދިއްދޫގައި ސަރުކާރުން އިމާރާތް ކުރި 250 ހައުސިންގ ޔުނިޓުގެ ތެރެއިން މިހާރު ދޫނުކޮށް ހުރި ހައުސިންގ ޔުނިޓްތައް ދޫކުރުމަށް ދިއްދޫ ކައުންސިލްގެ އިދާރާއިން ކުރި އިޢުލާނާއި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކުރި އިޢުލާނު ބާޠިލުކޮށް، ހައުސިންގ ޔުނިޓްތައް ދޫކުރުމަށް އަލުން އިޢުލާނު ކުރުމަށް ދިއްދޫ ކައުންސިލްގެ އިދާރާއަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ދާދިފަހުން ވަނީ އަންގައިފިއެވެ.