އައްޑޫ ސިޓީ ތަރައްޤީގެ މައިގަނޑު ހުރަހަކީ ކުރީގެ ސަރުކާރު ކަމަށް އައްޑު ސިޓީ މޭޔަރ އަބްދުﷲ ޞޯދިޤް ވިދާޅުވެއްޖެއެވެ.
އައްޑު ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރ ވިދާޅުވީ އައްޑު ސިޓީގެ ނަރުދަމާގެ ކަންތައްތައް ވެސް ނުނިމި ފަސްކުރެވެމުން ދަނީ ކުރިީގެ ސަރުކާރުން ކަންތައްކޮށްފައިވާ ގޮތުން ކަމަށެވެ.
އެގޮތުން 2009 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައްޑޫގެ ނަރުދަމާގެ މަސައްކަތް 2014 ވަނަ އަހަރާ ހަމައަށް ނިމިގެންދާނެ ކަމަށް އިފްތިތާހުކުރެވިގެން ދިޔަ ކަމަށާއި އެހެންނަމަވެސް ސަރުކާރު ބަދަލުވެ މަސައްކަތް މެދުކެނޑިގެން ދިޔައީ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އޭގެ ފަހުންވެސް އެކި އެކި ފަރާތްތަކާ އައްޑޫގެ ނަރުދަމާގެ މަަސައްކަތް ހަވާލުކުރެވިގެން ދިޔަ ކަމަށާއި ގާތްގަނޑަކަށް 10 އަހަރުވެގެން ފާއިތުވެގެން ދާއިރު އައްޑޫގެ ނަރުދަމާއަށް އެދެވިގެންދާ ހައްލެއް ލިބިގެން ދިޔުމަކީ އައްޑޫގެ ރައްޔިތުން ދެކެމުން އަންނަ ހުވަފެނެއް ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.
ދާދިފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފަސް އަހަރު ނިމޭ އިރު މި ދިވެހި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް، ސާފު ބޯ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރެވިގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.