ކުރީގެ ރައީސް އަބްދުﷲ ޔާމީން އަކީ ވައްކަން ކުރަމުން ކަންކަން ކޮށްދެއްވި ރައީސެއް ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް ބަދަލުކުރުމަށް ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުގެ ބަހުސް މަރުހަލާހައި ޝިޔާމު ވިދާޅުވީ މަޖިލީހުގައި ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން ކިތަންމެ ވަރަކަށް ޔާމީންގެ ވާހަކަ ދެއްކެވި ނަމަވެސް އެމަނިކުފާނު ކޮށްދެއްވި ކަންތައްތަކަކީ ނުކުރައްވާ ކަމެއް ކަމަށް އެ މެމްބަރުންނަށް ވިދާޅުނުވެވޭނެ ކަމަށެވެ.
އެގޮތުން މާލެ އާއި ހުޅުމާލެއާ ދެމެދު ބްރިޖެއް އަޅައި، ނައިފަރުގައި ފަސް ބުރީގެ ހޮސްޕިޓަލެއް އަޅައި، ރާއްޖޭގެ 75 ޕަސެންޓު ރަށްތަކަށް ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް މިދިޔަ ސަރުކާރުގައި ކޮށްފައިވާ ކަމަށާއި މިއީ އޮޅުވާނުލެވޭނެ ހަގީގަތެއް ކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ.
"އެހެންވީމަ ރައީސް ޔާމީންގެ ވާހަކަ ދައްކާއިރު، ބޮޑު ވަގެއްގެ ވާހަކަ ދެއްކުން އޯކޭ އެބޭފުޅަކަށް ހިތްހަމަޖެހުމެއް ލިބޭ ކަމަށްވަންޏާ މައްސަލައެއް ނެތް. އެހެން ނަމަވެސް ދިވެހި ރައްޔިތުންނަށް އެބަ އިނގޭ ވައްކަން ކޮށްފައި އޮވެޖެއްޔާ، ވައްކަން ކުރަމުން ރައްޔިތުންނަށް ކަންތައްތައް ކޮށްދެއްވި ރައީސެއްކަން ރައީސް ޔާމީނަކީ. އެކަމަކު މިއަދު އަޅުގަނޑުމެންނަށް ފެންނަނީ ހަމައެކަނި ވައްކަން ކުރާތަން. އެއީ މައްސަލަ އަކީ"
ޝިޔާމު ވިދާޅުވިއެވެ.
މި ވާހަކަތަކާއެކު ޔާމީން ވައްކަން ކުރެއްވި ކަމަށް ޝިޔާމު އިއުތިރާފުވީތޯ އޭނާއާ ބައެއް މެމްބަރުން ވަނީ ސުވާލުވެސް ކުރައްވާފައެވެ.