ސައުދީގައި މި މަހުގެ 18 ވަނަ ދުވަހު ފަށަން ހަމަޖެހިފައިވާ "ޖިއްދާ ވާލްޑް ފެސްޓް"ގައި އެމެރިކާގެ މަޝްހޫރު ހިޕްހޮޕް ތަރި ނިކީ މިނާޖް ޕާފޯރމް ކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.
މި ފެސްޓިވަލުގައި މިނާޖްގެ އިތުރުން ޑީޖޭ ސްޓީވް އައޯކީ އާއި ލަވަކިޔުންތެރިޔާ ލިއަމް ޕޭން ވެސް ފެނިގެންދާނެއެވެ. މި ފެސްޓިވަލަށް އަންނަން ބޭނުންވާ ބޭރުގެ ގައުމުތަކުގެ މީހުންނަށް ފަސޭހައިން އޮންލައިންކޮށް ވިސާ ލިބޭނެ އިންތިޒާމްތައް ސައުދީން ވަނީ ހަމަޖައްސާފައެވެ.
ނިކީ މިނާޖްއަކީ އޭނާގެ ޕާފޯރމަންސްތަކުގައި ލަވަ ކިޔުމުގެ އިތުރަށް، ނިވާކަން ކުޑަ ހެދުން އެޅުމާއި ގައިގޯޅި މަންޒަރުތައް ވެސް ހިމަނާ ތަރިއަކަށް ވުމުން، އޭނާއަށް ސައުދީގައި ޕާފޯމް ކުރަން ދައުވަތު ދިނުމުން ގިނަ ބަޔަކަށް ވަނީ ހައިރާންކަމެއް ލިބިފައެވެ.
އެގޮތުން ނިކީ މިނާޖް ގެންނަން ސައުދީ ސަރުކާރުން ނިންމުމުން، ޓްވިޓާގައި ކުރި ޕޯސްޓެއްގައި ސައުދީ އަންހެނަކު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެގޮތުން އޭނާ ވަނީ މި ފެސްޓިވަލަށް ދާ އަންހެނުންނަށް އަބާޔާ ލުމަށް މަޖުބޫރުކޮށްފައިއެވެ.އަދި ނިކީ މިނާޖް ގެންނަން ނިންމުމުން ހަމަ ހައިރާންވާ ކަމަށް ބުނެފައެވެ.
ޖިއްދާ މިއުޒިކް ފެސްޓްއަށް ވަދެވޭނީ 16 އަހަރުން މަތީގެ މީހުންނަށް އެކަންޏެވެ. އެ ކޮންސަޓުގައި ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކުރުން މަނާކޮށްފައިވާ އިރު، ކޮންސަޓް އޮންނާނީ ކިންގް އަބްދުﷲ ސްޕޯޓްސް ސްޓޭޑިއަމްގައެވެ.