ސ. ފޭދޫ ހައުސިން ޔުނިޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ފާއިތުވި ޑިސެމްބަރު މަހުގެ ނިޔަލަށް ހަމަވި އިރު 300 އަށް ވުރެ ގިނަ ފަރާތުން ކުރިމަތި ލާފައިވާ ކަމަށް ކައުންސިލުން ބުނެފި އެވެ.
ފޭދޫ ދާއިރާގެ ކައުންސިލް މެމްބަރު އަހުމަދު މިރުޒާދު ވިދަޅުވީ މުއްދަތު ހަމަވި އިރު، ހައުސިން ޔުނިޓްތަކަށް އެދި ފޯމް ހުށަހަޅާފައި ވަނީ 339 މީހުން ކަމަށެވެ.
ފޭދޫގައި އިމާރާތް ކޮށްފައިވާ 25 ހައުސިން ޔުނިޓަށް މީގެ ކުރިން 249 ފަރާތަކުން ކުރިމަތި ލާފައިވާ އިރު އެފަރާތްތަކުން ހުށަހެޅި ފޯމް ތައް ބަޠިލްކޮށް އަލުން ފޯމު ހުށަހެޅުމަށް ހުޅުވާލީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހުއެވެ.
މިރުޒާދު ވިދާޅުވީ އަލަށް ކުރިމަތިލި މީހުންގެ ފޯމްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް މި މަހުގެ ހަ ވަނަ ދުވަހު ފަށާނެ ކަމަށެވެ. އަދި މި މަހުގެ 30 ވަނަ ދުވަހު ގުރުއަތު ލުން ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ހައުސިން ޔުނިޓްކަށް އެދޭ މީހުންގެ ޝަރުތުތަކުގެ ތެރޭގައި 21 އަހަރު ފުރިފައިވާ ފޭދޫ ރަށްވެސަކަށްވުމާއި ރާއްޖޭގެ އެއްވެސް ރަށަކުން ގޯއްޗެއް ލިބިފައި ނުވުން ހިމެނެ އެވެ.
ޔުނިޓްތަކަށް ކުރިމަތިލާ މީހުންނަށް ޕޮއިންޓް ދެނީ އުމުރުން 21- 35 އަހަރާ ދެމެދުގެ މީހަކަށް 10 ޕޮއިންޓް، 35 އަހަރުން މަތި ނަމަ 15 ޕޮއިންޓް، އެކެއް ނުވަތަ ދެ ދަރިން ތިބި ނަމަ 10 ޕޮއިންޓް، ތިން ދަރިންނަށް ވުރެ ގިނަ ނަމަ 15 ޕޮއިންޓް އަދި ކައިވެނި ނުކުރާ މީހަކަށް ފަސް ޕޮއިންޓެވެ.
މީގެ އިތުރުން ކައިވެނި ނުކޮށް ނުވަތަ ވަރިވެފައި ނުވަތަ ފިރި ނުވަތަ އަނބި މަރުވެފައިވާ މީހެއް ނަމަ އެ މީހަކަށް ލިބޭނީ 10 ޕޮއިންޓެވެ.