ސަރުކާރުގެ ފުރަތަމަ 100 ދުވަސް ތެރޭ ނިންމަން ބުނި އައްޑޫ ސިޓީ ސްކުއާރ ޖުލައި 26 އާއި ހަމަޔަށްވެސް ނުނިމޭނެކަމަށް އައްޑޫގެ މޭޔަރ އަބްދުﷲ ޞޯދިޤް (ސޯބެ) ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ ކައުންސިލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރ ވިދާޅުވީ ހަލުވިކަމާއެކު މަސައްކަތް ކުރިއަށް ދިޔަ ނަމަވެސް މި މަހުގެ 26 އާ ހަމައަށް ސިޓީ ސްކުއަރ ގެ މަސައްކަތް ނުނިމޭނެ ކަމަށެވެ.
ސޯބެ ވިދާޅުވީ މަސައްކަތް ނުނިމި ލަސްވާ ސަބަބަކީ މަސައްކަތައް ބޭނުންވާ އާލާތްތައް ލިބުން ލަސްވާތީކަމަށެވެ. މީގެ އިތުރަށް މޭޔަރ ވިދާޅުވީ ބޮޑު ޢީދަށް މަސައްކަތް ނިމި ނޮވެމްބަރ 11 ވަނަ ދުވަހު ކުލަގަދަ ރަސްމިއްޔާތަކާއި އެކު ދިދަ ނެގިގެން ދާނެކަމަށެވެ.
ސިޓީ ސްކުއެރގައި ހުރި ދިދަ ދަނޑި، ރައީސް ޔާމީނުގެ ސަރުކާރުގައި ވަނީ ނަގާލާފާއެވެ. އުސްމިނުގައި 78.6 ފޫޓު ހުރި މި ދިދަ ދަނޑި އޭރުގެ ސަރުކާރުން ނަގާލާފައިވަނީ، ބުޑުގައި ހުރި ބޮލްޓު ތަށް ދަބަރު ޖަހައި ހަލާކުވެފައިވާތީ، ދިދަ ދަނޑި ވެއްޓި މީހަކަށް އަނިޔާ ވުމުގެ ފުރުޞަތު އޮތުމުން ނެެވެ.
އައްޑޫސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަން ކައިރީ ސިޓީ ސްކުއަރ ފުރަތަމަ ހަދާފައިވަނީ 2011 ވަނަ އަހަރު ސާކު ސަމިޓާއި ގުޅުވައިގެން އޭރުގެ ސަރުކާރުންނެވެ. ސިޓީ ސްކުއަރ ހެދުމަށް ފަހު އެ އަހަރުގެ ޖުމްހޫރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު އެތާ ބާއްވާ ދިދަ ނެގިއެވެ. ނަމަވެސް ފަހަކަށް އައިސް ދިދަ ދަނޑި ހުހަށް ހުރެ ދިދަ ނާރުވާ މުޅި ތަން ވަނީ ބަލަހައްޓާނެ ފަރާތެއް ނެތި ވީރާނާ ވެފައެވެ.