ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ، އިއްޔެ ރައްޔިތުންގެ މަޖިލީހުގައި އުމަރު ނަސީރާ ގުޅޭ ގޮތުން ދެއްކެވި ވާހަކަ، ފުލުހުސް ކޮމިޝަނަރުގެ މަގާމު އަދާ ކުރިން އަދާކުރެއްވި ތިން ކޮމިޝަނަރުން ދޮގު ކުރައްވައިފިއެވެ.
ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގެ މޭސްތިރި، ހ. ހާޖަރާގެ ލުތުފީ ރާއްޖެއިން ބޭރުގައި ފިލައިގެން އުޅެނިކޮށް ހޯދަން ކުރި މަސައްކަތް ކާމިޔާބުނުކުރެވުނީ އޭރުގެ ހޯމް މިނިސްޓަރ އުމަރު ނަސީރުގެ ސަބަބުން ކަމަށް އިމްރާން މަޖިލީހުގައި ދެއްކެވި ވާހަކަފުޅު ކުރީގެ ސީޕީ، އަދި މިހާރުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި އެމަނިކުފާނަށް ފަހު މަގާމަށް ވަޑައިގެންނެވި ސީޕީ ހުސެން އަރީފް އަދި އޭގެ ފަހުން މަގާމް އަދާކުރެއްވި ސީޕީ ހުސެން ވަހީދު ވެސް ވަނީ ދޮގުކުރައްވާފައެވެ.
އެގޮތުން ކުރީގެ ސީޕީ ހުސެން އަރީފް ބައެއް މީޑިޔާތަކާ ވާހަކަ ދައްކަމުން ބުނެފައިވަނީ ލުތުފީ ގެނައުމަށް މަސައްކަތް ކުރެވުނު ކަމަށާއި އެ މަސައްކަތުގައި ހޯމް މިނިސްޓަރުގެ މަގާމުގައި އުމަރު ހުންނަވައިގެން ހުރަހެއް އަޅާފައި ނުވާ ކަމަށެވެ. އަދި އުމަރު ހުންނެވީ އެ މަސައްކަތުގައި ލުތުފީ ގެނައުމަށް ކަމަށާއި އިމްރާން ދެއްކެވީ ހަގީގަތާ ޚިލާފު ވާހަކައެއް ކަަމަށް ވިދާޅުވިއެވެ.
ކުރީގެ ސީޕީ ހުސެން ވަހީދު ވިދާޅުވީ ލުތުފީ ގެނައުން މުހިންމު ނޫން ކަމަށް އުމަރު ވިދާޅުވެފައި ނުވާނެ ކަމަށެވެ. އަދި އުމަރު މަސައްކަތް ކުރެއްވީ ލުތުފީ ރާއްޖެ ގެނައުމަށް ކަމަށާއި އެނޫން އެއްވެސް މަގުސަދެއްގައި އުމަރު މަސައްކަތް ކުރައްވާފައިނުވާ ކަމަށް ހުސެން ވަހީދު ވިދާޅުވިއެވެ.
އަދި ކުރީގެ ސީޕީ އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެފައިވަނީ ފިލައިގެން އުޅޭ މީހަކު ހޯދުމަށް ހޯމް މިނިސްޓަރުގެ ހުއްދަ ހޯދާކަށް ނުޖެހޭނެ ކަމަށާއި ފުލުހުންނަށް އެމީހަކު ހޯދުމަކީ ގާނޫނީ ގޮތުން ލާޒިމު ކަމެއް ކަމަށެވެ.
ލުތުފީ ހޯދުން އެހާ މުހިންމު ނޫން ކަމަށް އުމަރު ވިދާޅުވެފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އިއްޔެ މަޖިލީހުގައި ވިދާޅުވުމުން އުމަރު ވަނީ ލުތުފީ ހޯދުމަށް އޭނާ ކުރެއްވި މަސައްކަތެއް އެއްވެސް ބޭފުޅަކަށް ނުކުރެވޭ ކަމަށް ބުނެ ރައްދު ދީފައެވެ.