ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން، އައްޑޫ ސިޓީގެ ހުޅުދޫ އަވަށުގައި ޢިމާރާތްކޮށްފައިވާ 48 ފްލެޓްގެ ތެރެއިން، ކެޓަގަރީ A ގެ ދަށުން ހުޅުދޫ އާއި މީދޫ އަވަށުގެ ރައްޔިތުންނަށް ޚާއްޞަކުރެވުނު 23 ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ 32 ފަރާތާއި، ކެޓަގަރީ C ގެ ދަށުން ހުޅުދޫ/މީދޫ އަވަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަކުރެވުނު 15 ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ 2 ފަރާތުގެ ތެރެއިން، ޝަރުތު ހަމަވުމުން ޕޮއިންޓް ދެވިފައިވާ ފަރާތްތަކުގެ ލިސްޓް އާއްމުކޮށްފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ އެ އިދާރާގެ ވެބްސައިޓް www.adducity.gov.mv ގައި ޝާއިޢުކުރެވި، އަވަށުއޮފީސްތަކާއި ކައުންސިލް އިދާރާގެ ނޯޓިސް ބޯޑުގައިވެސް ބެހެއްޓިފައި ހުންނާނެ ކަމަށެވެ.
މީގެ އިތުރުން ،ޕޮއިންޓް ލިބިފައިވާގޮތާމެދު، އިތުރަށް ކަމެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކާއި، ޝަކުވާ ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން، ލިޔުމުން ސިޓީއުރައެއްގައި ބޭނުންވާ ކެޓެގަރީއެއް ޖެއްސެވުމަށްފަހު އައްޑޫސިޓީ ކައުންސިލްގެ އިދާރާ ނުވަތަ ހުޅުދޫ އަވަށުއޮފީހަށް ، 18 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ހުށައަޅުމަށް ކައުންސިލް އިދާރާއިން އެދެއެވެ.
ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތަކުގެ ލިސްޓް އިޢުލާންކުރެވޭނީ، ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން، ނުވަތަ ސާފުކުރެވޭ އިތުރު މަޢުލޫމާތާއި ގުޅިގެން، މި ލިސްޓަށް ގެންނަންޖެހޭ އުނިއިތުރެއްވާނަމަ، އެ އުނިއިތުރެއް ގެނައުމަށްފަހުގައި ކަމަށްވެސް އެ ފަރާތުން ބުނެއެވެ.