Last Updated: October 27, 02:32
Saturday, October 26, 2024
ޚަބަރު

ޝަހީދު ހުސެއިން އާދަމްގެ ހަނދާނުގައި ކަލްޗަރަލް ސެންޓަރެއް އަޅަނީ

1988 ވަނަ އަހަރު ދިވެހީންގެ ޚާއިނުންތަކެއް ލަންކާގެ ޓައިގަރުންގެ ބަޔަކާ ގުޅިގެން ދިން އަނިޔާވެރި ހަމަލާތަކުގައި 19 ދިވެއްސެއް ޝަހީދުކޮށްލި އިރު އެ ދުވަހުގެ ބަތަލް ޝަހީދު ހުސެއިން އާދަމްގެ ހަނދާނުގައި ހދ.ކުޅުދުއްފުށީގައި ކަލްޗަރަލް ސެންޓަރެއް އަޅަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ޝަހީދު ހުސެއިން އާދަމްގެ ވާހަކަ ހަމައެކަނި ދައްކަނީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ކަމަށާއި ނަމަވެސް އެއީ އެ މިނިސްޓްރީން ގަބޫލުކުރާ ގޮތެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރާނީ ހދ.ކުޅުދުއްފުށީގައި ޝަހީދު ހުސެއިން އާދަމްގެ ގުރުބާނީ ފެންނަ ގޮތަށް ކަލްޗަރަލް ސެންޓަރެއް ގެންނަންޖެހޭ. އެއީ އަޅުގަނޑުމެންގެ ވިސްނުމުގައި އޮތް ކަލްޗަރަލް ސެންޓަރެއް" އަލީ ވިދާޅުވިއެވެ.

މީގެއިތުރުން ރ. އަތޮޅު އަނގޮޅިތީމުގައި ވެސް ކަލްޗަރަލް ސެންޓަރެއް ހެދުމަށް ނިންމާފައިވާ ކަމަށާއި އެރަށަކީ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ތާރީހާ ވަރަށް ބޮޑަށް ގުޅިފައިވާ ރަށެއް ކަމަށް މިނިސްޓަރު އަލީ ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ނަޝީދުގެ އުފަންދުވަހު އެ ރަށުގައި، ދެކުނު އެފްރިކާގެ މަންޑޭލާ ފައުންޑޭޝަނާއި ގުޅިގެން ކަލްޗަރަލް ސެންޓަރެއް ގެނައުމަކީ ކުރަން ވިިސްނާފައި އޮތް ކަމެއް" އަލީ ވަހީދު ވިދާޅުވިއެވެ.

ރާއްޖޭގެ އެކިއެކި ރަށްތަކުގައި ކަލްޗަރަލް ސެންޓަރުތައް ހަދަނީ ހެރިޓޭޖް މިނިސްޓްރީއާ ގުޅިގެން ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.