ރާއްޖޭގެ ދެވަނަ އަށް އެންމެ އާބާދީ ބޮޑު ސިޓީގެ މަގުތަކުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުނުކުރާ ޒަމާނެއް ހަނދާނަކަށް ނާދެއެވެ. އެތައް ބަޔެއްގެ ޝަކުވާ އަބަދުމެ އޮހެމުންދާ މިމައްސަލައަކީ ހައްލެއް ނުލިބި އެތައް ޒަމާނެއް ހިނގާގޮސްފައިވާ ކަމެކެވެ.
ވާރޭ ވެހުމުން ފެންބޮޑުވެ މަގުތަކުގައި ދަތުރުކުރުމަށް ދައްޗެވެ. ފެން ހެދި ފެން ހިނދެނީ އެތައް ދުވަހެއް ފަހުންނެވެ. ދުނިިޔޭގެ ހުރިހާ ތަނެއްގައި ވެސް ވާރޭ ވެހި މަގުތަކުގައި ފެން ހެދެއެވެ. ދުނިޔޭގެ އެހެން ކަންކޮޅުތަކާ އައްޑޫ ސިޓީގެ ތާރު މަގުތަކުގެ ތަފާތަކީ ފެން ހެދުމަށް ފަހު ހަފްތާ ދެހަފްތާ ވާއިރުވެސް ފެން ނުހިނދި މަގުތަކުގައި ބޮޑެތި ފެންގަނޑުތައް ހެދިފައި ހުންނަ ހުރުމެވެ.
ވާރޭ ނުވެހި ދުވަސްކޮޅެއް ވެއްޖެނަމަ ހިރަފުހުގެ ސަބަބުން މަގުގައި ދަތުރުކުރުމަށް އަދި އެހާމެ ދައްޗެވެ. މަގު ސާފުކޮށް ހިރަފުސް ފޮޅުމަށް ފަހު ޕޭވްމެންޓް އާއި ދިމާލަށް ފުނި ތަކެއް ޖަހާފައި ހުންނައިރު ވައިގަދަވެއްޖެނަމަ މުޅި މަގު އޮންނަނީ ހިރަފުހުން ފުރިފައެވެ.
ނަރުދަމާގެ މަސައްކަތް ކުރުމަށް ތާރު މަގުތައް ކެނޑުމަށް ފަހު ރަނގަޅު ނުކުރެވުމުގެ ސަބަބުން މަރަދޫ، މަރަދޫ ފޭދޫ އަދި ފޭދޫގެ ބޮޑު މަގުން ދަތުރުކުރުމަށް އިންތިހާއަށް ދައްޗެވެ. ވާރޭ ވެހިއްޖެނަމަ މިމަގުތަކުގެ ހާލަތު އަދި ވަކިން ދެރަކަން ފާހަގަކޮށްލެވެ. ބޮޑެތި ވަޅުގަނޑުތައް ހެދިފައި އޮންނައިރު ފެންބޮޑުވެ ދަތުރުކުރާ މީހުންނަށް ވަޅުގަނޑުތައް ނުފެނި ސައިކަލުން ވެއްޓި އަނިޔާތައް ވެސް ވަނީ ލިބިފައެވެ.
މީގެ އިތުރުން މިހާރު ރައްޔިތުންގެ ކަންބޮޑުވުން އަމާޒުވެފައިވަނީ ހިތަދޫގައި މަގު ހެދުމަށް ފަހު ފަސްގަނޑު ރަނގަޅަށް އެއްވަރު ނުކޮށް ނިންމާލާ މައްސަލައަށެވެ. ޚާއްސަކޮށް އެތެރޭގެ މަގުތައް ހެދުމަށް ފަހު ފަސްގަނޑު އެއްވަރު ނުކޮށް ނިންމާލުމުން ސައިކަލުގައި ދަތުރުކުރާ ފަރާތްތަކަށް މަގުގެ ބޭނުން ހިފުމުގައި ދަތިވުމުގެ އިތުރުން ފަސްގަނޑު މައްޗަށް އެރި ކަހާލައިގެން ވެއްޓި އެތައް އަނިޔާތަކެއް ލިބިފައިވެއެވެ.
އަދި ލިންކްރޯޑުގައި ހުންނަ ވަޅުގަނޑުތަކާއި އަޑިގުޑަންތައް ރަނގަޅުކުރުމަށް ތާރަ ބޭނުން ކުރުމުގެ ބަދަލުގައި މިހާރު ބޭނުން ކުރަމުން އަންނަނީ ސިމެންތި އެވެ. ސްޕީޑް ބްރޭކަރުތައް މަރާމަތައް ނެގުމަށް ފަހު އެތަންތަނަށްވެސް މި އަޅާލަނީ ސިމެންތި އެވެ. ސިމެންތިން ތާރު މަގުތަކުގައި ހެދޭ މިފަދަ ބާގަނޑުތަކާއި ކެނޑުންތައް ބަންދުކުރުމުން ދުވަސްކޮޅަކުން އެތަން އަނެއްކާ ހަލާކުވެ ބޮޑެތި ވަޅުގަނޑުތައް ހެދޭކަން ފާހަގަކޮށްލެވެއެވެ.
ރައީސް ޔާމިންގެ ރިޔާސަތުގައި އައްޑޫ ސިޓީގެ މަގުތަކުގެ ތެރެއިން (ބުރިކެޑެމަގު) ގައި ޕޭވްމެންޓް އެޅުމުގެ މަސައްކަތް ފެށިގެން ދިޔައެވެ. ވެރިކަން ބަދަލުވެ އާ ސަރުކާރަށް 9 މަސް ވެގެންދާއިރު އެއްވެސް އަދިވެސް މަސައްކަތް ވެސް ފެށިފައި އެއް ނުވެއެވެ. މަގާ ގުޅޭ ތަފްސީލެއް ވެސް ކަމާ ބެހޭ އެއްވެސް ފަރާތަކުން ނުލިބެއެވެ.
ހަމައެހެންމެ، އައްޑޫގެ މަގު ހެދުމަށްޓަކައި ގިނަ މަޝްރޫއު ތަކެއް އައްޑޫގެ ތަސައްވަރުގައި ހިމެނިގެންދިޔައެވެ. އައްޑޫގައި 56 ކިލޯމީޓަރުގެ މަގު ހަދާނެކަމަށްވެސް ބުނެވުނެވެ. ދާދިފަހުން ޕްލޭނިން މިނިސްޓަރ ވިދާޅުވީ އައްޑޫގެ މަގުތަކާއި ބިން ހިއްކޭނެ ފައިސާއެއް ބަޖެޓުގައި ނެތްކަމަށެވެ. އެ މަސައްކަތް ކުރުމަށް ސަރުކާރުން ނިންމާފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގެ ދަށުން ކަމަށެވެ.
އައްޑޫ ސިޓީ އަކީ ރާއްޖޭގެ ނިސްބަތުން އެންމެ އާބާދީބޮޑު އެއް ސަރަޙައްދެވެ. އެންމެ ގިނަ ދުއްވާ އެއްޗެހި ދުއްވާ ތަނެވެ. އެހެންކަމުން މިސިޓީގެ މަގުތައް ބޭނުންކުރުމުގައި ދިމާވާ މިދަތިތަކަށް އަވަސް ޙައްލެއް ހޯދަންޖެހެއެވެ.