ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ގެނެވުމުން އުފާ ފާޅުކުރުމަށް ބާއްވާ ޖަލްސާ ބޭއްވުމަށް ކާނިވާ ސަރަހައްދު ދޫކޮށްފިއެވެ.
ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ، ހ. ހާޖަރާގެ އަބްދުﷲ ލުތުފީ ރާއްޖެ ގެނެވުނީ އޭނާ އެމްބަސީ ތެރޭގައި ދިވެހި ސަރުކާރުން ފިލުވައިގެން އުޅެނިކޮށް އެކަން ފަޅާއެރުވުނީތީ ކަމަށް ބުނެ އުމަރު ވަނީ ލުތުފީ ރާއްޖެ ގެނައުމުގައި އޭނާގެ ދައުރު ބޮޑު ކަމަށް ވިދާޅުވެފައެވެ.
އަދި އުފާ ފާޅުކުރަން ޖަލްސާ ބާއްވަނީ ވެސް އެ ސަބަބާ ހެދި ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ. ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު ވެސް އުމަރު ވަނީ ލުތުފީ ހޯދުމަށް ވަރަށް ގިނަ މަސައްކަތް ކޮށްފައެވެ. ނަމަވެސް އުމަރު ވިދާޅުވީ ލުތުފީ ކޮންމެ ފަހަރަކުވެސް އަތުނުޖެހި ފިލަނީ ކަމަށެވެ.
މީގެ 9 އަހަރު ކުރިން ރައީސް ނަޝީދުގެ ވެރިކަމުގައި ލުތުފީ ފިލާފައިވަނީ ބޭސްފަރުވާއަކަށް ގެންދިއުމުންނެވެ. އޭގެ ފަހުން އޭނާ ދިރިއުޅެމުން ދިޔައީ ނަން ބަދަލުކޮށްގެން ލަންކާގައި ކަމަށް މައުލޫމާތު ލިބެއެވެ.
މިދިޔަ މޭ މަހުގެ އެއްވަނަ ދުވަހު ލުތުފީ ވަނީ އަމިއްލައަށް ދިވެހި އެމްބަސީއަށް ގޮސް އަމާން ދީފައެވެ. ރައީސް ސޯލިހް ވިދާޅުވީ ލުތުފީ އަމާންދިން ކަން އިއުލާން ނުކުރެއްވީ ކުރުމަށް ފެނިވަޑައިނުގަންނަވާތީ ކަމަށެވެ. އަދި އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދެވީ ދެގައުމުގެ ގާނޫނީ އިމުގެ ތެރެއިން ލުތުފީ ރާއްޖެ ގެނެސް ޖަލަށް ލުމަށް ކަމަށް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވެފައިވެއެވެ.