ކާށިދޫ ދާއިރާގެ މެމްބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ރާއްޖޭގައި ކެސީނޯ އެޅުމަށް މަސައްކަތް ކުރައްވަމުން އަންނައިރު އެމަނިކުފާނުގެ އަނބިކަނބަލުން، މަޝްހޫރު ގާނޫނީ ވަކީލާ ދިޔާނާ ސައީދު، އެ ޚިޔާލަށް ތާއީދު ނުކުރައްވާ ކަމަށް ފާޅުގައި ވިދާޅުވެއްޖެއެވެ.
ކެސީނޯ އެޅުމަށް ހުއްދަ ނުދެވޭނެ ކަމަށް މިދިޔަ ހަފްތާގައި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު މަޖިލީހުގެ ކޮމިޓީއެއްގައި ވިދާޅުވުމުން ޖާބިރު ވަނީ ވަރަށް ބޮޑަށް ކޯފާ އިސްކުރައްވައި ކޮމިޓީ ތެރޭގައި އަޑުގަދަ ކޮށް މިނިސްޓަރަށް ފާޑުވިދާޅުވެފައެވެ.
އެކަމާ ގުޅިގެން ދީނީ އިލްމުވެރިޔަކު ޓުވީޓާގައި ކެސީނޯ އެޅުމުގެ ޚިޔާލު ދޫކޮށްލުމަށް ޖާބިރަށް ނަސޭހަތްތެރިވުމުން މީހަކު ވަނީ އެ ޓުވީޓުގައި ދިޔާނާ ޓެގުކޮށްފައެވެ. ޖަވާބު ދެއްވަމުން ދިޔާނާ ވިދާޅުވީ އޮޅިވަޑައިގެންފައިވާނަމަ ސާފުކޮށްދެއްވަން އޭނާއަކީ ޖާބިރު ނޫން ކަމަށާއި، ޖާބިރުގެ ކެސީނޯ އެޅުމުގެ ޚިޔާލަށް ތާއީދު ނުކުރައްވާ ކަމަށް ވެސް ވިދާޅުވެފައެވެ.
Thibaayah olhivadaigenfa ovedhaaneethee saafukohdhen alhugandakee Jabireh noon adhi alhugandakee thiyakamakaa Jabir ulhuvvumah thaaeedhu kuraa meehehves noon. pic.twitter.com/GN1CyomAaU
— Dhiyana 🎈?🌹 (@dhiyanasaid) July 12, 2019
ޖާބިރު ވަނީ ކެސީނޯ ހަދަން ހުއްދަ ނުލިބޭތީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ރަލާ އޫރު މަސް ހަރާމް އެއްޗެއްގެ ގޮތުގައި ވާއިރު މިރާއްޖޭގައި އެތަކެތި ވިއްކާތާ އެތައް ޒަމާނެއް ވެއްޖެ ކަމަށާއި ދެން މިއަދު މިކަން ކުރުމުން މައްސަލައަކަށް ހަދަންވީ ކީއްވެތޯ މަޖިލިސް ތަޅުމުގައި ސުވާލު އުފައްދާފައެވެ.