ގަން އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކޮމްޕެނީއަށް މެނޭޖިން ޑިރެކްޓަރަކު އައްޔަން ނުކުރެވި ސަރުކާރަށް 9 މަސްވެގެންދާއިރު ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ބޮޑުވެއްޖެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިން އައްޑޫގައި އިފްތިތާހު ކުރައްވަމުން ގަން އެއާޕޯޓުގެ ހުވަފެން ރައްޔިތުންނަށް ދައްކަވާފައިވާ އިރު މި ސަރުކާރުގައި ގަން އެއާޕޯޓު ތަރައްޤީއަށް ކުރެއްވި އެއްވެސް މަސައްކަތެއް އަދި ފެންނާކަށް ނެތެވެ. އެއާޕޯޓު ތަރައްޤީ އާއި ގުޅޭގޮތުން ސަރުކާރުގެ އެއްވެސް ތަސައްވުރެއް ނެތްކަން ދޭހަވަނީ މި 9 މަސްދުވަހުގެ ތެރޭގައި ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އެމްޑީއަކާއި ސީއީއޯއެއް އައްޔަން ނުކުރެވި އޮތުމެވެ.
އައްޑޫގެ ބައެއް ރައްޔިތުން ދެކޭ ގޮތުގައި ގަން އެއާޕޯޓު ތަރައްޤީ ކުރުމަށް ސަރުކާރުން އެއްވެސް އިސްކަމެއްދޭނަމަ ކުންފުނި ހިންގޭނެ އުސޫލެއް ހަމަޖައްސައިދޭނެއެވެ.
މިނިސްޓްރީ އޮފް ފިނޭންސްގެ 50 ޕަސެންޓު ހިއްސާ އާއި މާލެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެމްއޭސީއެލްގެ 10 ޕަސެންޓު ހިއްސާ އަދި އެސްޓިއޯގެ 10 ޕަސެންޓު ހިއްސާގެ އިތުރުން މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ އަފީފްގެ ހިއްސާ އޮންނަ ކާސާ ހޯލްޑިންގެ 30 ޕަސެންޓު ހިއްސާ އާއި އެކު އުފައްދާފައިވާ "އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުނި" މިއަދު އޮތީ ހުއްޓި ކުރިއަށް ނުދެވިފައެވެ. މާލީ ސަބަބުތަކާއި ސަރުކާރުގެ މާ ބޮޑު ސަމާލުކަމެއް ނެތުމުގެ ސަބަބުން ކުންފުނި އޮތީ ހިނގައި ނުގަނެވިއެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީއަށް އެއްވެސް މަސައްކަތެއް ނުކުރެވޭއިރު ތަން ނުބެލެހެއްޓި ތަން ވީރާނާވަމުންދާކަމަށް ބުނެ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުނީގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ ކުންފުނި ތަކާއި ބެހޭ ކޮމެޓީއަށް ހާޒިރު ކުރުމަށް ނޯޓިސް ވަނީ ދީފައެވެ.
އިނގިރޭސިން ގަމުގައި ތިބިއިރު ހަދާފައިވާ އެއާޕޯޓުގެ ރަންވޭ ދިގުކޮށް އެންމެ ފަހުގެ މަތިންދާ ބޯޓުތަކަށް ޖެއްސޭ ގޮތަށް ރަންވޭ ދިގު ކުރެވިފައިވީނަމަވެސް އެކި ފޭސްތަކަށް ބަހާލައިގެން އެއާޕޯޓު ތަރައްޤީ ކުރުމަށް އިއްލާން ކުރި އެއްވެސް މަޝްރޫއެއް ކުރިއަށް ނުދެއެވެ. ސަރުކާރުގެ 70 ޕަސެންޓު ހިއްސާ އޮންނަ މި ކުންފުނިން ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީ ނުކުރެވި އޮތުމަކީ ބޮޑު މައްސަލައެއް ކަމަށް އައްޑޫ ރައްޔިތުން ގަބޫލް ކުރެއެވެ.
ކުރީގެ ރައީސް އަދި މަޖްލިސްގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން ވިދާޅުވެފައިވަނީ ގަން އެއާޕޯޓުގެ 70 އިން ސައްތަ ހިއްސާ ސަރުކާރަށް އޮވެ އެއާޕޯޓު ތަރައްޤީ ނުވުމަކީ ބަހަނާ ދެއްކޭނެ މައްސަލައެއް ނޫންކަމަށެވެ. އަދި ސަރުކާރަށް އެކަން ނުކުރެވޭނަމަ ސަރުކާރުގެ ހިއްސާ އައްޑޫ ކައުންސިލަށް ދޫކޮށްގެންވެސް އައްޑޫ އެއާޕޯޓު ތަރައްޤީ ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެފަދަ ކަމެއްގެ އެއްވެސް އަލިމަގެއް ނުފެއެވެ.
އައްޑޫ އެއާޕޯޓު ހިންގާ ކުންފުންޏަށް އެމްޑީއަކު ހަމަނުޖެހި އޮވެ އަދި އެތަނުގެ ތަރައްޤީގެ އެއްވެސް ތަސައްވުރެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުނުވި ނަމަވެސް ދާދި ފަހުން ރައީސް ވަނީ ހުވަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށް ވިދާޅުވެފައެވެ.
ހަފްތާ ބަންދުގައި ހުވަދޫގެ މަސްވެެރިންނާއި ބައްދަލު ކުރައްވައި ރައީސް ވިދާޅުވެފައިވަނީ ހުވަދު އަތޮޅު ހިމެނޭ ސަރަހައްދުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްޤީ ކުރެވުމުން ބޮޑު ކަންނެލީގެ މަސްވެރިކަމަށް ހެޔޮ އަގު ލިބިގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ރައީސްގެ މިވާހަކަފުޅުތަކާއި އެކު އައްޑޫގެ ގިނަ ބަޔަކަށް ވަނީ ނުތަނަވަސްކަން ލިބިފައެވެ. ސަބަބަކީ މި ސަރުކާރަށް 9 މަސްވެ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީއަށް އެއްވެސް މަސައްކަތެއް ނުކުރެވި ހުވަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަށް އިއްލާން ކުރެއްވުމެވެ.
މިއީ އިހްލާސްތެރި ނިންމުމެއްތޯ ބައެއް ފަރާތްތަކުން ދަނީ ސުވާލު އުދައްދަމުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި އައްޑޫއަށް ވަކިން ވައުދުތަކެއް ވެވަޑައިގެންފައެވެ. "އައްޑޫ ވައުދުނާމާގެ" ނަމުގައި އައްޑޫ ރައްޔިތުންގެ ހިޔާލާއި އެކު އެކުލަވާލެވުނު ވައުދުނާމާގެ އެއްވެސް މަސައްކަތެއް އަދި ނުފެށެއެވެ. މި ވައުދުނާމާ ބިނާވެފައިވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓާއި އެކު ގެނެވޭ ތަރައްޤީގެ މައްޗަށެވެ. އަދި މި ތަސައްވުރަކީ މުޅި ދެކުނުގެ ތަރައްޤީއަށް އިސްކަން ދީގެން އެެކުލަވާލެވުނު ޕްލޭނެކެވެ.