ސައިބީރިއާގެ "ނޮވިސިބިރްސްކް މޯލްޑިވްސް" ނަމުން މަޝްހޫރުވެފައިވާ ފެންގަނޑަކީ ރާއްޖޭގެ މޫދު ފަދަ ވިލު ނޫކުލަ ގަދަ ރީތި ފެންގަނޑެކެވެ. އަދި ގިނަ ބަޔަކު އެތަނަށް ފޮޓޯ ނަގަންދާ، އިންސްޓަގްރާމަރުންގެ މެދުގައި މަޤުބޫލު ތަނެކެވެ. ނަމަވެސް މިތަނަށް ލިބިފައިވަނީ ރާއްޖެފަދަ ޤުދުރަތީ ރީތިކަމެއް ނޫނެވެ.
މިފެންގަނޑަކީ އެތާކައިރި ކޯލް ޕްލާންޓަކުން އަޅި އެޅުމަށްޓަކައި ހަދާފައިވާ ވިހަގަދަ ފެންގަނޑެކެވެ. އަދި އެކުންފުނިން ވަނީ މި ފެންގަނޑަކީ އެއްގޮތަކަށްވެސް އެރި އުޅުމަށް އެކަށީގެންވާ ފެންގަނޑެއް ނޫންކަމުގައި އަންގާފައެވެ. އަދި ފެންގަނޑުގައި ހުރި ވިހަތަކުގެ ސަބަބުން ހަންގަނޑަށް އެކި ކަހަލަ އެލަރޖިކް ރިއެކްޝަންތައް ދިމާވާނެކަމަށް ސައިބީރިއަން ޖެނެރޭޓިން ކޮމްޕެނީއިން ވަނީ ރަޝިޔާގެ ސޯޝަލް ނެޓްވޯކިންގ ސައިޓް "ވީކެންޓޮކްޓި" ގައި މިދިޔަ މަހު ބަޔާންކޮށްފައެވެ.
އޭގައި ބުނެފައިވާގޮތުން "މިދިޔަ ހަފްތާ ތެރޭގައި ނޮވޮބްރިސްކް ޓީއީޒެޑް – 5ގެ އަޅި އަޅާ ސަރަހައްދު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑު މަޝްހޫރުކަމެއް ހޯދާފަ. އެހެންނަމަވެސް މި އަޅި އަޅާ ސަރަހައްދުގައި ފަތާ ހަދައިގެން ނުވާނެ. އެ ފެންގަނޑަކީ ވަރަށް އަލްކަލައިން ސަރަހައްދެއް. މީގެ ސަބަބަކީ އެފެންގަނޑަކީ ގިނަ އަދަދަކަށް ކެލްސިއަމް ސަލްޓް އަދި އެކި ކަހަލަ މެޓަލް އޮކްސައިޑްތައް އަޅާފައިވާ ފެންގަނޑަކަށްވުމެވެ. ހަންގަނޑުގައި މިފަަދަ ފެން ޖެހުމުން ހަންގަނޑަށް އެލަރޖިކް ރިއެކްޝަން ދިމާވެދާނެއެވެ!"
މީގެ އިތުރުން އެކުންފުނިން އަންގާފައިވާގޮތުގައި އެ ފެންގަނޑުގެ އަޑީގައި މަޑު ޖަހާފައިވާވަރު ގިނަ ކަމުން އޭގެ އަޑިން ސަލާމަތްވުމަކީ ނާދިރުކަމެކެވެ. އެހެން ކަމުން އެ ކުންފުނިންވަނީ އިނގިރޭސި ކެޕިޓަލް އަކުރުން "އެހެންކަމުން، އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން ތިބޭފުޅުން ސެލްފީނެގުމުގެ ތެރޭގައި މި ފެންގަނޑުގެ ތެރެއަށް ވެއްޓިނުގަތުމަށް! އެއީ އެންމެ ބޮޑު ނުރައްކާ!" ފެންގަނޑަށް ލިބިފައިވާ ވިލު ނޫކުލައަކީ އޭގައިވާ ތަފާތު މެޓަލް އޮކްސައިޑްތަކުގެ ސަބަބުން އަންނަ ކުލައެކެވެ. އަދި އެފެންގަނޑުގެ ޕީއެޗް ލެވެލް އުޅޭނީ ގާތްގަނޑަކަށް 8ގައެވެ.
ކުންފުނިން މިހާ ފާޅުކަން ބޮޑު ގޮތެއްގައި މިފެންގަނޑުގެ ނުރައްކާ އާންމުކޮށްފައިވީނަމަވެސް ގިނަ އަދަދެއްގެ ބަޔަކު ދަނީ މިފެންގަނޑުގައި ފޮޓޯ ނަގާ، "ރާއްޖޭގައި" ވަގުތު ހޭދަކުރަމުންނެވެ. އަދި މިފެންގަނޑުގެ މަޤުބޫލުކަން ސޯޝަލް މީޑިއާގައި ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.