ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްތިހާދުގެ ކެންޑިޑޭޓުގެ ގޮތުގައި ރިޔާސީ ކެމްޕޭނަށް އެންމެ ފުރަތަމަ ވަޑައިގަތީ އައްޑޫ ސިޓީއަށެވެ. އެމަނިކުފާނު ވަނީ އައްޑުއަށް ކުރެއްވި ދަތުރުފުޅުގައި އިންތިޚާބު ކާމިޔާބު ވެއްޖެނަމަ އައްޑުއަށް ގެނެސްދެއްވާނެ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް އައްޑޫ ރައްޔިތުންނަށް އިއްވަވާފައެވެ.
ރައީސްގެ ވެރިކަމަށް 9 މަސް ވެފައިވާއިރު އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދުމާ ގާތަށް ވެސް އައިސްފައިނުވާއިރު ބައެއް ވައުދުތައް ބިލާހަކަށް ވެ ނިމިއްޖެއެވެ. އޭގެ ތެރެއިން ރައީސް ވެވަޑައިގެންނެވި އެއް ވައުދަކީ އައްޑޫ ގަމުގައި ގާއިމްވެފައިހުރި އެކެޑެމީ އޮފް އެރޯނެޓިކްސް ނުވަތަ ފްލައިން ސްކޫލް ތަރައްގީކޮށް އެތަނުން ޕައިލެޓުން ތަމްރީން ކުރުމުގެ އިތުރުން އެއާކްރާފްޓް އިންޖިނިއަރިން ވެސް ކިޔެވޭނެ މަގު ފަހި ކޮށްދޭނެ ކަމަށް ވެވަޑައިގެންނެވި ވައުދެވެ.
އައްޑުއަށް ޚާއްސަކޮށް ނެރުނު އައްޑޫ ވައުދުނާމާގައި ލިޔެފައިވަނީ ޒުވާނުންގެ ތަރައްގީއާއި ތައުލީމަށް ހަރުދަނާ ބަދަލުތަކެއް ގެނެެސްދެއްވާނެ ކަމަށެވެ. އެގޮތުން، ގަމުގެ ފްލައިން ސްކޫލް އިތުރަށް ހަރުދަނާ ކުރުމާއި މިހާރު ރާއްޖޭގެ ގިނަ ޒުވާނުން ލަންކާއަށް ކިޔަވަންދާ އެއާކްރާފްޓް އިންޖިނިއަރިން ވެސް އެ ސްކޫލުން ކިޔަވަން ފަށައި ދެވޭނެ ކަމަށް މިވައުދުނާމާގައި ބަޔާންވެފައިވެއެވެ.
މަތީ ތައުލީމުގެ ފުރުސަތު އައްޑުއަށް އިތުރުކޮށް ޔުނިވާސިޓީގައި ހިންގާ ކޯސްތަކުގެ މިންވަރު އިތުރުކުރުމާއި އައްޑޫ ޒުވާނުންނަށް ބައިނަލް އަގުވާމީ ފުރުސަތު ހޯދާދިނުމުގެ ގޮތުން ކްލައިމެޓް ޗޭންޖް ރިސާޗު ސެންޓަރެއްވެސް ގާއިމް ކުރައްވާނެ ކަމަށް ވައުދުނާމާގައި ލިޔެފައިވެއެވެ. މިވާހަކަ އިންތިޚާބުވި ފަހުން އަޑު އިވިގެން ގޮސްފައެއް ނުވެއެވެ.
ނަމަވެސް މިހާރު އަޑުއިވެމުން އަންނަނީ އެހެން ވާހަކައެކެވެ. އައްޑޫ ގަމުގައި ގާއިމްވެފައިހުރި ފްލައިން ސްކޫލް ބަންދުކޮށް ތަޅު އަޅުވައި އެތަނުގައި ކިޔަވަމުންދާ އެތައް ދިވެހި ކުދިން ކިޔެވުން ހުއްޓާލަން ޖެހިދާނެ ކަމުގެ އަޑުތަކެވެ.
އޭޝިއަން އެކެޑެމީ އޮފް އެރޮނޮޓިކްސް އިން މިއަދު ބުނެފައިވަނީ އަންނަ އަހަރުގެ ޖުލައި މަހު އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގަމުން އަންނަ ފްލައިން ސްކޫލް ބަންދު ކުރާނެ ކަމަށެވެ. އޭއޭއޭ ގެ ސީއީއޯ "މިހާރު" ނޫހަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ސްކޫލް ބަންދުކުރަން ޖެހުނީ އެތަނާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ހެދިފައި އޮތް އެއްބަސްވުމުގެ މުއްދަތު މިމަހު ހަމަވާއިރު އެއްބަސްވުން އާކުރަން ކުރި މަސައްކަތް ކާމިޔާބު ނުވުމުން އެކަން ހުއްޓާލައި ދެން އެ ސްކޫލް އައްޑޫ ގަމުގައި ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.
އޭއޭއޭ އިން ބުނެފައިވަނީ އައްޑޫ އެއާޕޯޓުން ފްލައިން ސްކޫލް ހިންގަން ނަގާ ކުލި މާބޮޑަށް ބޮޑުކޮށްފައިވާ ކަމަށެވެ. އެގޮތުން، އެ ކުންފުންޏާ ވާހަކަ ދެއްކުމުން އަކަ ފޫޓަކަށް މަހަކަށް 12 ރުފިޔާ ދައްކަން ޑިމާންޑު ކުރި ކަމަށާއި މިއީ ޓޫރިސްޓު ހޮޓާތަކުން ވެސް ނުނަގާހާ ބޮޑު އަގެއް ކަމަށް ސީއީއޯއާ ހަވާލާދީ "މިހާރު" އިން ރިޕޯޓުކޮށްފައިވެއެވެ.
އަދި އައްޑޫ ގަމުގައި ހިންގަމުން އައި ފްލައިން ސްކޫލް ހުއްޓާލުމަށް ފަހު މާފަރު އެއާޕޯޓުގައި އެ ސްކޫލް ފަށަން ގަސްދުކޮށްފައިވާ ކަމަށް އެމީހުން ބުނެފައިވެއެވެ.
ސަރުކާރުން މިކަމާ ގުޅޭގޮތުން އަދި ވަކި އެއްޗެއް ހާމަކޮށްފައިނުވާއިރު، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ވެސް މިކަމާ ގުޅޭ ގޮތުން ރަސްމީގޮތުން ބަހެއް ބުނެފައެއް ނުވެއެވެ.
ގަމުގައި ހިންގަމުން އަންނަ ފްލައިން ސްކޫލަކީ އައްޑޫގެ ގިނަ ޒުވާނުންތަކެއް ކިޔަވަމުން އަންނަ ސްކޫލަކަށް ވެފައިވާއިރު، ކިޔަވައި ނިމެން ކައިރިވެފައި ތިބި އެތައް ކުދިންނެއް މިހާރުވެސް އެތަނުގައި އެބަ ތިއްބެވެ. އެކުދިން ބުނެފައިވަނީ ސްކޫލް ބަންދުކޮށް އެހެން ތަނަކަށް ބަދަލުކުރުމުން ވަރަށް ބޮޑު ގެއްލުމެއް އަދި އެހާމެ ބޮޑު ދަތިތަކެއް އެކަމުން ކުރިމަތިވެގެން ދާނެކަމަށެވެ.
އިތުބާރުހުރި ގޮތަކަށް "އައްޑޫލައިވް" އަށް އެނގިފައިވާ ގޮތުގައި ފްލައިން ސްކޫލުގައި ކިޔަވަމުންދާ ބައެއް ދަރިވަރުން ވަނީ މިނިންމުމާ ގުޅިގެން މުޒާހަރާ ކުރުމަށް ވެސް ނިންމާފައެވެ. އެމީހުން ބުނެފައިވަނީ އެއާޕޯޓުން އަދި ސްކޫލުން ވެސް އެއްވެސް ވަރަކަށް އެތަނަށް ހޭދަކުރި ފައިސާއާއި ވަގުތަށް ބަލާފައިނުވާ ކަމަށާއި ކޮންމެ ބަޔަކުވެސް ބޭނުންވަނީ އެބަޔަކަށް ފައިދާ ބޮޑުކުރެވޭތޯ ކަމަށެވެ.