ގަން އިންޓަނޭޝަނަލް އެެއާޕޯޓުގެ ހާލަތު ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ކޮމެޓީގެ މެމްބަރުން ގަމަށް ވަޑައިގަތުމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުނި (އޭއައިއޭ)އިން ދައުވަތު އަރުވައިފިއެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓު ވިރާނާވަމުންދާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ކުންފުނިތަކާއި ބެހޭ ކޮމެޓީއަށް މިއަދު އޭއައިއޭ ކުންފުނީގެ ބޯޑު މެމްބަރުން ވަނީ ހާޒިރުކޮށްފައެވެ. އޭއައިއޭގެ ބޯޑު މަޖްލިސް ކޮމެޓީއަށް ހާޒިރު ކުރި އިރު އެކުންފުނި ހިންގަނީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކު އައްޔަން ކުރުމެއް ނެތިއެވެ.
މިއަދު މެންދުރު 2 ޖެހި އިރު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި އޭއައިއޭ ކުންފުނީގެ ބޯޑު މެމްބަރުން ވަނީ ގަން އެއާޕޯޓު ހިންގަމުން އަންނަ ގޮތް ބެލުމަށް ގަމަށް ވަޑައިގަތުމަށް އެދިވަޑައިގެންފައެވެ. އެގޮތުން ބޯޑު މެމްބަރުން ވަނީ ގަން އެއާޕޯޓަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުގެ ތަފްސީލް ހިއްސާކޮށްފައެެވެ.
ގަން އެެއާޕޯޓަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކާއި ކުންފުނީގައި ހިމެނޭ އެސްޓިއޯ އަދި އެމްއޭސީއެލްގެ އިތުރުން ދިވެހި ސަރުކާރުން ކުންފުނި ތަރައްޤީ ކުރުމަށް ފާއިތުވި ދުވަސްތަކުގައި އެއްވެސް މަސައްކަތެއް ނުކުރާކަން ބޯޑުން ވަނީ ފާހަގަކޮށްފައެވެ. އެހެންވެ ކުންފުނި ހިންގަމުން ދަނީ ގެއްލުމުގައިކަން ބޯޑުން ފާހަގަކުރިއެވެ.
ކޮމެޓީގައި ވާހަކަ ދައްކަވަމުން އޭއައިއޭގެ އެކްޓިން މެނޭޖިން ޑިރެކްޓަރ ރިމްނާ ހަސަން ވިދާޅުވީ ކުންފުނީގެ ނަން އޭއައިއޭއަށް ބަދަލުވެ، 2011 ވަނަ އަހަރާއި ހަމައަށް ސަރުކާރުން މުވައްޒަފުންގެ މުސާރަ ދިން ނަމަވެސް އޭގެ ފަހުން ސަރުކާރުން ފައިސާ ނުލިބުމުން ކުންފުނިން މުސާރަ ދެމުން އައީ ގެއްލުމުގައި ކަމަށެވެ.
އަދި ކުންފުނިން އެސްޓިއޯއަށް 200 މިލިއަން ރުފިޔާ ދައްކަން ޖެހޭކަމަށް ރިމްނާ ވިދާޅުވިއެވެ.
ރިމްނާ އިތުރަށް ވިދާޅުވީ އެއާޕޯޓަށް އާމްދަނީ ލިބެނީ ޖެޓް ފިއުލް ވިއްކައިގެންނާއި އެއާލައިން އޮޕަރޭޝަންއިން ލިބޭ ފައިސާ އެކަނި ކަމަށެވެ. އަދި ޖެޓް ފިއުލް ވިއްކައިގެން ލިބޭ ފައިސާ އަކީ އެސްޓިއޯއަށް ދައްކަން ޖެހޭ ފައިސާ ނަަމަވެސް އެފައިސާ ކުންފުނިން ހަރަދު ކުރަނީ މުވައްޒަފުންގެ މުސާރަ ދިނުމަށް ކަމަށެވެ.
މީގެ އިތުރުން ކާސާ ހޯލްޑިންގެ ފަރާތުން ބޯޑުގައި ހިމެނިވަޑައިގަންނަވާ އިބްރާހިމް ނޫރައްދީން ވިދާޅުވީ ކުރިން ގަމުގައި ހުންނަ އީކުއޭޓަރ ވިލެޖުން ލިބެމުން އައި ކުލި ލިބުނު ނަމަވެސް ފަހުން އެކުލި އެކުންފުންޏަށް ނުލިބޭ ކަމަށެވެ.
މީގެ އިތުރުން ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ދިގުކުރުމަށް ބޭންކު އޮފް މޯލްޑިވްސްއިން ނެގި 24 މިލިއަން ލޯނު ކުންފުނި ދައްކަމުން އަންނަ ކަމަށެވެ. އެގޮތުން ލޯނު ދައްކަނީ ކާސާ އާއި ސަރުކާރުން ކަމަށް ރިމްނާ ވިދާޅުވިއެވެ.
ގަން އެއާޕޯޓު ހިންގުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އުފެއްދި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަކީ ދިވެހި ސަރުކާރުގެ 50 ޕަސެންޓު އަދި އެސްޓިއޯ އާއި އެމްއޭސީއެލްގެ 10 ޕަސެންޓުގެ އިތުރުން މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ އަފީފުގެ ހިއްސާ އޮންނަ ކާސާ ހޯލްޑިންގ 30 ޕަސެންޓު ހިއްސާ އާއި އެކު އުފައްދާފައިވާ ކުންފުންޏެކެވެ.