ސ. ފޭދޫ ސްކޫލްގެ ކުރީގެ އިސް ދެ ވެރިއަކު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއީޒު ފައިދާތަކެއް ހޯދާފައިކަން ސާބިތުވާތީ ކޮރަޕްޝަނުގެ ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފޮނުވައި އެކަމާ ގުޅޭ ގޮތުން ނެރުނު ރިޕޯޓަކީ އިންޑިއާގެ ޖީއެމްއާރަށް އިބްރާހީމް ނާސިރު އިންޓަނެޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ދިން މައްސަލާގައި ނެރުނު ކަހަލަ ރިޕޯޓެއް ކަމަށް އެ މައްސަލާގައި ދައުވާ ލިބޭ ފޭދޫ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް އަބްދުއްލަތީފް އަލީ ވިދާޅުވެއްޖެ އެވެ.
އޭނާގެ މައްޗަށް އޭސީސީ ކުރާ ދައުވާ އަށް ރައްދު ދެއްވައި އަބްދުއްލަތީފް މިއަދު ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ މި މައްސަލައިގެ ތަހުގީގު ނިންމައި ދިނުމަށް ތަކުރާރުކޮށް އޭނާ އޭސީސީގައި އެދިވަޑައިގެންނެވި ކަމަށެވެ.
"މައްސަލައިގެ ތަހުގީގު ނިންމައި ދިނުމަށް ތަކުރާރުކޮށް އެދެމުން ދިއުމާ އެކު ވެސް އިތުރަށް ބަލަން ޖެހޭ ކަންތައްތަކެއް ހުރި ކަމަށް ބުނަމުން އައިސް ކުއްލިއަަކަށް މިއަދު ރިޕޯޓް ނެރެން މި ޖެހުނީ ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށް ޖީއެމްއާރްގެ ރިޕޯޓް ނެރުނު ފަދަ ބީދައަކުން ކަމުގައި ވަރަށް ބޮޑަށް ބެލެވެ އެވެ." އަބްދުއްލަތީފްގެ ބަޔާނުގައިވެ އެވެ. "ހަމަ އެހެންމެ އެންޓި ކޮރަޕްޝަން ކޮމިޝަނުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ހިންގާ މިފަދަ އަމަލުތައް ބަލައި ތަހުގީގު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް އިލްތިމާސް ކުރަމެވެ."
އޭސީސީން ފޭދޫ ފުލްމޫން އަބްދުއްލަތީފްގެ މައްޗަށް ކުރާ ދައުވާ އާ ގުޅިގެން އޭނާ ނެރުއްވި ބަޔާނުގައި ވަނީ ހަ ކަމެއް ފާހަގަ ކުރައްވައިފަ އެވެ.
އެގޮތުން ފުރަތަަމަ ކަމަކަށް އޭނާގެ މައްޗަށް ހިޔާނާތާއި ކޮރަޕްޝަން ސާބިތު ކުރެވޭ ވަރުގެ ހެއްކާއި ގަރީނާ ލިބިފައިވާތީ ވަޒީފާ އިން ވަކި ކުރުމަށް އޭސީސީން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގައި އެދިފައި ވަނީ 2011 ވަނަ އަހަރުގެ މެއި މަހުގެ ކުރީކޮޅުގައި ކަމަށް ވިދާޅުވި އެވެ.
ނަމަވެސް މި މައްސަލައިގެ ތަހުގީގު ފަށައި، ސުވާލު ކުރަން ފަށާފައި ވަނީ އޭނާ ވަޒީފާ އިން ވަކި ކުރަން އެންގިތާ އެއް އަހަރު ފަހުން 2012 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވަޒީފާ އިން އޭނާ ވަކި ކުރަން އޭސީސީން އެންގީ އެ ކޮމިޝަނުގެ ގާނޫނުގެ 21 އާއި 22 އިން ލިބިދޭ ބާރެެއްގެ ދަށުން ކަމަށް އޭސީސީން ބުނާ ކަމަށް އަބްދުއްލަތީފް ވިދާޅުވި އެވެ.
އެހެން ނަމަވެސް ސްޕްރީމް ކޯޓުން ސެޕްޓެމްބަރު 2، 2012 ގައި މި މައްސަލައިގެ ގަޒިއްޔާ ނިންމި ގޮތުގެ ރިޕޯޓްގެ 5 ވަނަ ނުކުތާގެ (ށ) ގައި ބުނެފައި ވަނީ އޭސީސީގެ ގާނޫނުގެ 21 އާއި 22 ވަނަ މާއްދާގެ ދަށުން ޕަބްލިކް ދާއިރާގައި ހިމެނޭ އެއްވެސް އިދާރީ އެންގުމެއް އެންގުމުގެ ބާރު އޭސީސީ އަސް ލިބިގެން ނުވާ ކަަމަށް ކަމަށް އަބްދުއްލަތީފް ވިދާޅުވި އެވެ.
މި މައްސަލާގައި އޭނާ ހަތަރު ވަނަ ކަމަކަށް ފާހަގަ ކުރައްވާފައި ވަނީ އޭސީސީގެ ބަޔާނުގައި ހަވާލާދީފައިވާ ބިލްތަކުގައި ހިމެނޭ މަސައްކަތްތަކަކީ ކުރުވި މަސައްކަތްތަކެއްކަން އެނގެން ނެތް ނަމަވެސް، އެ މަސައްކަތް ކުރި ފަރާތުން އެއީ ކުރި މަސައްކަތްތަކެއް ކަމަށް ބުނާ ކަމަށެވެ.
އަދި މަސައްކަތް ކުރުވި ކަމަށް ސްކޫލްގެ މުވައްޒަފުން ވެސް ބުނާ ކަމަށް އަބްދުއްލަތީފް ވިދާޅުވި އެވެ.
ފަސް ވަނަ ކަމަކަށް އަބްދުއްލަތީފް ފާހަގަ ކުރައްވާފައި ވަނީ ބިލްތަކަށް ފައިސާ ދެއްކިކަން ސްކޫލްގެ ލިޔެކިޔުންތަކުން އެނގޭ ކަމަށެވެ. އެގޮތުން ސާވިސް އޯޑަރާއި ފައިސާ ހަރަދު ކުރި ވައުޗަރާއި ބިލް އެބަ އޮތް ކަމަށެވެ. އަދި ޗެކްގެ ކައުންޓަ ފޮއިލާއި ވައުޗަރުގައި ބިލް ނަމްބަރު ޖަހައި، ޗެކް ނަމްބަރު ޖަހައި ފައިސާ ލިބުނު ކަމަށް ސޮއި ވެސް ކޮށްފައި އޮތް ކަމަށް ވެސް އަބްދުއްލަތީފު ވިދާޅުވި އެވެ.
އަދި އެންމެ ފަހު ކަމެެއްގެ ގޮތުން އޭނާ ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ދެ މީހެއްގެ މައްޗަށް ދައުވާ ކުރަން ހުށަހަޅާ އިރު، އޭގެ ތެރެއިން އެކެއްގެ ކިބައިން ފައިސާގެ ބަދަލު ހޯދުމަށް ދައުވާ ކުރަނީ ކޮން ހަމައަކުންތޯ އޭސީސީން ބުނެދޭނެ ޖެހޭ ކަމަށް ބުނެ އެކަމާ ސުވާލު އުފައްދާފަ އެވެ.
އަބްދުއްލަތީފުގެ އިތުރުން މި މައްސަލާގައި ދެން ދައުވާ ކުރަނީ ފޭދޫ ސްކޫލްގެ ކުރީގެ ލީޑިން ޓީޗަރު އަބްދުﷲ ޒުހެއިރާއި ސްކޫލްގެ ސަރުދާރު މުހައްމަދު ޝަފީއުގެ އިތުރުން އަރިއަސް ކޮންސްޓްރަކްޝަންގެ ވެރި ފަރާތް ހަސަން ލުތުފީގެ މައްޗަށެވެ.