ބޫޓާން އަކީ ބަލި ޓީމެއް ކަމަށް ޤަބޫލެއް ނުކުރާކަމަށް ރައްޖޭގެ 15 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗު އިބްރާހިމް ހަލީމް (ޖަޑާ) ބުނެފިއެވެ.
އައްޑޫ ސިޓީގައި އިއްޔެ ފެށި ޔޫއެފާ އެސިސްޓް 15 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ރާއްޖެ ވަނީ ބޫޓާންއާ ބައްދަލުކޮށް 2-1 އިން ބަލިވެފައެވެ.
އިއްޔެގެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ޓީމުގެ ކޯޗު ޖަޑާ ބުނީ ސަރައްދީ ގޮތުން ބެލިޔަސް ބޫޓާނަކީ ބަލި ޓީމެއް ކަމަށް ޤަބޫލް ނުކުރާ ކަމަށާއި އިއްޔެގެ މެޗުގައި ދިވެހި ޓީމުގެ ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށެވެ.
ނަމަވެސް ބޫޓާން ޓީމަށް ވުރެ ދިވެހި ޓީމަށް އެކުގައި މަސައްކަތްކޮށްލަން ލިބުނު ވަގުތު މަދު ކަމަށާއި އެއީ ކުރިއަށް އޮތް ތަނުގައި ރަނގަޅު ކުރަންޖެހޭ ކަމެއް ކަމަށްވެސް އޭނާ ބުންޏެވެ.
މީގެ އިތުރުން ބޫޓާންގެ ކޯޗް އަޓްސުޝީ ނަކަމޫރާ ބުނީ މެޗުން މޮޅުވުމުގައި ނަސީބު ވެސް އެހީވި ކަމަށެވެ. އަދި އިސްކޮޅުން ބޫޓަން ޓީމްގެ ބައެއް ކުޅުންތެރިން ދިގުކޮށް ތިބިނަަމަވެސް ރާއްޖެ ޓީމަށް ވުރެން އެޓީމުގައި ތިބީ އުމުރުން ހަނގު ކުދިން ކަމަށާއި ޓީމުން ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށެވެ.
އަދި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކުރުމަކީ ޓީމުގެ ފުރަތަމަ އަމާޒު ކަމަށާއި އެކަން ހާސިލުކުރެވުމުން އުފާކުރާ ކަމަށްވެސް އޭނާ ބުންޏެވެ.
މުބާރާތުގެ ދެވަނަ މެޗުގައި ދިވެހި ޓީމު ނިކުންނާނީ ސައުދީ އަރަބިއްޔާއާ ދެކޮޅަށެވެ.އެ މެޗު ކުޅޭނީ އަންނަ އަންގާރަ ދުވަހުއެވެ.