ބޭންކު އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ދޮގު މައުލޫމާތު ހިއްސާކުރި މައްސަލަ ތަހްގީގު ކުރުމަށް ފުލުހަށް ހުށަހަޅާފައިވާއިރު އެމައްސަލަ އަނބުރާ ނަގަން ޖެހިދާނެ ފަދަ އިޝާރާތެއް މަޖްލިސްގެ ރައީސް މުހައްމަދު ނަޝީދު ދެއްވައިފިއެވެ.
މިއަދުގެ މަޖްލިސްގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ބީއެމްއެލްގެ އޮފިޝަލް މަޖްލިސްގެ މާލިއްޔަތު ކޮމެޓީގައި ދޮގު މައުލޫމާތު ހިއްސާކޮށްފައިވާތީ އެމައްސަލަ ތަހްގީގު ކުރުމަށް މަޖްލިސްގެ ފަރާތުން އިއްޔެ ފުލުސް އޮފީހަށް ފޮނުވައިވާކަމަށެވެ. ނަމަވެސް މައްސަލަ ފުލުހަށް ހުށަހެޅި ފަހުން ބޭންކުގެ އޮފިޝަލްގެ ސިޓީއެއް މަޖްލިސްގެ ރައީސަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ އޮފިޝަލްގެ ސިޓީގައި މަޖްލިސްގެ މާލިއްޔަތު ކޮމެޓީގައި ދެއްކެވި ވާހަކަ ތަކަކީ ކޮމެޓީއަށް ހާޒިރުވުމުގެ ކުރިން ލިބިވަޑައިގެންނެވި މައުލޫމާތު ކަމަށާއި ނަމަވެސް އެމައުލޫމާތު ކޮމެޓީ އާއި ހިއްސާ ކުރި ފަހުން ސޯޝަލް މީޑިއާގައި ބައެއް ޗެކުތަކެއް ދައުރުވެފައިވާތީ އެކަން ސަމާލުކަމަށް އައިސް އެކަން އިތުރަށް ބޭންކުން ބަލަމުން އަންނަ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
އަދި މިކަމުގައި ފުރިހަމަ ތެދު މައުލޫމާތު މަޖްލިސްގެ މާލިއްޔަތު ކޮމެޓީ އާއި ހިއްސާ ކުރައްވާނެކަމަށް ބޭންކުގެ އޮފިޝަލް ސިޓީގައި ފާހަގަކޮށްފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާންގެ މަގްސަދަކީ ވަކިމީހަކު ކުށްވެރިކޮށް އަދަބު ދިނުމަށް މަސައްކަތް ކުރުން ނޫންކަމަށާއި ބޭނުމަކީ މަޖްލިސްގެ ކޮމެޓީތަކުގައި ތެދު ބަހުން ވާހަކަ ދެއްކުމަށް ބާރުއެޅުން ކަމަށެވެ. އެހެންވެ މި ކަމުގައި މާލިއްޔަތު ކޮމެޓީގެ މުގައްރިރު އާއި މަޝްވަރާކޮށް ދެވަނަ ވިސްނުމަކަށް ދާން ވިސްނަވާކަމަށެވެ.