ރާއްޖޭގެ މަސްވެރިން ބާނާ މަސްގަތުމަށް ބޭރުގެ ފަރާތްތަކަށް ހުޅުވާލުމަށް މަޖްލިސްގެ ގިނަ މެމްބަރުން ތާއިދުކޮށްފިއެވެ.
މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަށް ބޭރުގެ ފަރާތްތަކަށް މަސް ގަތުމަށް ހުޅުވާލުމަށް މިއަދު ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދެއްވި ގިނަ މެމްބަރުން ވަނީ މި ގަރާރަށް ތާއިދު ކުރައްވާފައެވެ.
މި ގަރާރަށް ތާއިދުކޮށް ވާހަކަ ދައްކަވަމުން އައްޑޫ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ވިދާޅުވީ މަސްވެރިން ބާނާ މަސްގަތުމަށް މިފްކޯ އޮތީ ނުކުޅެދިފައެެވެ. އަދި މިފްކޯ ބަނގުރޫޓުވެފައިވާ އިރު މަސްވެެރިން ބާނާ މަސް ގަނެވޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭކަމަށް އަހުމަދު ރަޝީދު ވިދާޅުވިއެވެ.
ބޭރުގެ މަސްބޯޓުތަކަށް ރާއްޖެ އައިސް މަސް ގަނެވޭނެ އިންތިޒާމް ހަމަޖައްސާއިރު ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނަވަން ޖެހޭކަމަށްވެސް އަހުމަދު ރަޝީދު ވިދާޅުވިއެވެ.
މި ގަރާރަށް ތާއިދުކޮށް ބވާހަކަ ދެއްކެވި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވިދާޅުވީ މި ސަރުކާރަކީ މަސްވެެރިންގެ ވަރަށް ބޮޑު އުއްމީދު ތަކަކާއި އެކު އެފަރާތްތަކުން ގެނައި ސަރުކާރެއް ކަމަށާއި މަޖްލިސް މެމްބަރުން އިންތިހާބު ކުރީވެސް މަސްވެރިންގެ އެހީތެރިކަމާއި އެކު ކަމަށެވެ. އެހެންވެ މަސްވެެރިން ބާނާ މަހަށް ހަމަ އަގު ހޯދައި ދިނުމަށް މަޖްލިސް މެމްބަރުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
މަސްވެރިން ބާނާ މަސް ގަތުމަށް މިހާރު އެކްސްކުލޫސިވް ހުއްދަ ދީފައިވާ ހަތަރު ކުންފުންޏަށްދީފައިވާ ހުއްދަ ވަގުތުން ވަގުތަށް ބާޠިލް ކުރުމަށްވެސް މެމްބަރުން ވަނީ ގޮވާލާފައެވެ.