މީގެ 37 އަހަރު ކުރިން އުފެއްދި އިނގިރޭސި މިއުޒިކަލް “ކެޓްސް” އަށް ބިނާކޮށް ގެސްދޭ ގެ ފީޗާ ފިލްމްގެ ޓްރެއިލާ ދައްކާލައިފިއެވެ.
މި ފިލްމް އެންމެ ހާއްސަވަނީ، މި ފިލްމްގައި ހޮލީވުޑްގެ މަޝްހޫރު އޭ ލިސްޓުގެ ތަރިންތަކެއް ކާސްޓުންގެ ގޮތުގައި ހިމެނޭތީއެވެ. މި ފިލްމްގެ ކާސްޓުންނަކީ، “ޓެއިލާ ސްވިފްޓް”، “ޖެނިފާ ހަޑްސަން”، “ޖޭމްސް ކޯޑެން”، “ޖޫޑީ ޑެންޗް”، “އިދްރީސް އެލްބާ”، “އިއާން މެކްކެލެން”، “ޖޭސަން ޑެރިއުލޯ”، “ރިބެލް ވިލްސަން” އަދި އަލަށް ތަޢާރފްވާ “ފެރެންސެސްކާ ހެއިވާރޑް” އެވެ.
ތިއޭޓާ ޕްލޭއެއްގެ ގޮތުގައި ބްރޯޑްވޭގައި ގެނެސް ދިން މަޝްހޫރު މިއުޒިކަލް “ކެޓްސް” އަކީ، 1981 ގައި އެންޑްރީ ލޮއިބް ވެބާ ގެނެސް ދިން ވަރަށް ކާމިޔާބު ސްޓޭޖް ޕްލޭއެކެވެ. މީގެ ވާހަކަ ބިނާކޮށްފައި ވަނީ ޓީއެސް އެލިއޮޓް ލިޔެފައިވާ ވާހަކަ “އޯލްޑް ޕޮސަމްސް ބުކް އޮފް ޕްރެކްޓިކަލް ކެޓްސް” އަށެވެ.
މި ފިލްމްގެ ވާހަކަ ދެކެވޭތާ ގިނަދުވަސްތަކަކަށްފަހު “ކެޓްސް” ގެ ޓްރެއިލާ ދައްކާލި ހިސާބުން ހޮލީވުޑްގެ ތަރިންގެ މެދުގައި މި ފިލްމްގެ ވާހަކަ ވަރަށް ގަދަޔަށް ދެކެވުމުން އަންއިރު ބެލުންތެރިންވެސް ފިލްމްގެ ފުރިހަމަކަމާއި ތަފާތުކަމަށް މީސްމީޑިއާގައި ތައުރީފުކޮށްފައިވެއެވެ. ނަމަވެސް ފިލްމްއިން މި ތަރިން ބުޅަލެއްގެ ސިފައިގައި ފެންނަ ސިފައަށް ބައެއް މީހުން ފާޑުކިޔާ ޖޯކުވެސް ޖަހާފައިވެއެވެ.
މި ފިލްމްގައި ހޮލީވުޑްގެ ތަޖުރިބާކާރު އަދި ހުނަރުވެރި ލަވަކިޔުންތެރި ހިމެނޭއިރު، މިޔުޒިކަލް އެއް ގޮތަށް ގެނެސްދޭ މި ފިލްމްގެ ޓްރެއިލާއިން އެ ތަރިންގެ ހުނަރާއި ވަރަގަދަ ލަވަތައް އެމީހުންގެ އަޑުން އިވިގެންދެއެވެ. އެހެންކަމުން މި ތަރިންގެ އެކްޓިން ފެނިގެންދާ “ކެޓްސް” ގެ ޓްރެއިލާ ހިތްގައިމުވެފައި ވަރަށްވެސް ޝައުގުވެރިއެވެ.
އޮސްކާ ހާސިލުކޮށްފައިވާ ޓޮމް ހޫޕާ ޑައިރެކްޓްކުރާ މި ފިލްމް ރިލީޒްކުރާނީ މިއަހަރުގެ ޑިސެމްބާރު 20ގައެވެ.