ފެނަކަ ކޯޕަރޭޝަނުގެ ދަށުން ސ. ހިތަދު އަށް ސަޕްލައި ފެނުގެ ހިދުމަތް ދެމުން އަންނަ ބައެއް ސަރަހައްދުތަކުން ފެނުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށް ބުނެ ބައެއް މީހުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ.
ހިތަދޫން މިއަދު ވާހަކަ ދެެއްކި މީހަކު ބުނީ އިއްޔެ ހަވީރުން ފެށިގެން އެ ގެެއަށް ފެން ނުލިބޭ ކަމަށެވެ. އަދި އެކަމާ ގުޅިގެން ފެނަކަ އަށް ގުޅުމުން، ޓޭންކްތަކުން ފެން ހުސްވެގެން ފެން ލިބުުން މެދުކެނޑުނީ ކަމަށް އެތަނުގެ އޮފިޝަލަކު ބުނި ކަމަށް ވާހަކަ ދެއްްކި މީހާ ބުންޏެވެ.
އެހެން ނަަމަވެސް ފެނަކަގެ ޑިރެކްޓަރު އަބްހަރީ އަބްދުﷲ ޒުހޭރު މިއަދު ވިދާޅުވީ ފެނުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެކަމަކު އެއީ ޓޭންކުން ފެން ހުސްވެގެން ނޫން ކަމަށް އޭނާ ވިދޅުވި އެވެ.
"ބައި ވޯޓާ އިން ފެން ހޮޅި އަޅާފައި ހުރި އިރު އެކިއެކި ދިމާލުން ލީކް ވުމުގެ މައްސަލަ ވަރަށް ބޮޑު. އެހެންވެ ލީކްވާން ތަންތަން ދެނެގަތުމަށް ފަހު އެކަން ހައްލު ކުރުމަށް ފެން ވަގުތީ ގޮތުން ކަނޑާލާ ކަހަލަ ގޮތަކަށް ވާހަކަ ދެކެވިފައި އޮންނާނީ. އެހެންވީމާ އަޅުގަނޑަށް ގަބޫލް ކުރެވެނީ ލީކްވާ ދިމާލެއްގެ މަސައްކަތް ކުރުމަށް، ފެން ކަނޑާލެވިގެން ފެން ނުލިބެނީ ކަމަށް،" މިވަގުތު މާލޭގައި ހުންނެވި ޒުހޭރު ވިދާޅުވި އެވެ. "އެކަން ހައްލުކޮށްފައި އަލުން ފެން ހަމަ ކުރިއެކޭ އެއްގޮތަށް ދޫކުރާނެ. ވަރަށް ގިނަ ދިމަދިމާލުން އެބަހުރި ފެން ހޮޅިތަކުން ލީކްވާ މައްސަލަ."
އޭނާ އަދި ވިދާޅުވީ ހިތަދު އަށް މިއަދު ފެން ދޫކުރަމުން އަންނަނީ ޓެސްޓިން މަރުހަލާއެއްގެ ތެރެއިން ކަމަށެވެ. އެހެން ނަމަވެސް ކުރިއަށް އޮތް ތަނުގައި އެއްވެސް މައްސަލައެއް ނުޖެހި ފެން ސަޕްލައި ފެން ލިބެމުން ދާނެ ކަމަށް ޒުހޭރު ވިދާޅުވި އެވެ.
އައްޑޫގައި ގާއިމުކޮށްފައިވާ ޑިސަލިނޭޝަން ޕްލާންޓް މެދުވެރިކޮށް ހިތަދު ފެން ދޫކުރަން ރަސްމީކޮށް ފަށާފައި ވަނީ މެއި މަހުގެ 8 ވަނަ ދުވަހު އެވެ.