އައްޑޫ ސިޓީގެ ސިޓީ ސްކުއަރގައި ހުރި ދިދަ އަކީ މާލެ ފިޔަވައި ރާއްޖޭގެ އެހެންތަނެއްގައި ހުރި މިފަދަ ހަމަ އެކަނި ދިދަ އެވެ. ނަމަވެސް މި ދިދަ މިހާރު ހަމަ އެކަނި ދިދަ ދަނޑިއަކަށް ވެފައި ހުރި ކަމީ ހިތާމަަ ހުރި ކަމެކެވެ.
17 ވަނަ ސާރކް ސަމިޓަށް ތައްޔާުރު ކުރެވުނު ސިޓީ ސްކުއަރ ގެ ތާރީޙަށް ބަލާއިރު، ދިދަ ދަނޑީގައި ދިދަ ހުރި ދުވަސްތަކަށް ވުރެ ދިދަ ނެތް ދުވަސްތަށް ގިނައެވެ. އެހެންވެ އެވާހަކަ ނުދައްކާ މީހަކު އައްޑޫގައި ނެތެވެ.
ސާކް ސަމިޓަށް ތައްޔާރު ކުރި ސްޓޭޓް ސްކުއާރ ތަރައްޤީކުރުމަށް ހަވާލު ކުރެވުނީ ހިތަދޫ ރީޖަނަލް ޕޯރޓްއާއިއެވެ. ޕޯރޓުން، އެތަން ތަރައްޤީކުރުމަށް ކޮންމެވެސް ވަރެއްގެ ޕްލޭންތަކެއްވެސް އެކުލަވާލާ ބައެއް މަޝްވަރާތަށް ކައުންސިލާއިއެކު ކުރިއެވެ.
އަދި އޭގެ ފަހުން ސިޓީ ސްކުއާރ ތަރައްޤީކޮށް ބެލެހެއްޓުމަށް އެމްއެންޑީއެފް އާއި ހަވާލު ކުރެވުނެވެ. ނަމަވެސް 7 ފެބްރުއަރީ 2012 ގައި ވެރިކަން ބަދަލު ވުމާއި އެކު އެމް.އެން.ޑީ.އެފް އިން އެކަމާއި ފޭ އަށް ޖެހިލިއެވެ.
ޕޯރޓުން އަދި އެމް.އެން.ޑީ.އެފް އިން މިކަމަށް މާބޮޑު އެއްބާރުލުމެއް ނުލިބުނަސް މިއީ ކައުންސިލްއިން ކޮންމެހެން ކުރަންވެއްޖެ ކަމެކެވެ. ސިޓީއެއް ސިޓީއަކަށް ވަނީ މިފަދަ ކަންތައްތަކުންނެވެ. "ސިޓީވަންތަ" ކަމުގެ ވިސްނުން އަންނާނީ މިކަހަލަ ކަންތައްތަކުގެ ތެރެއިންނެވެ.
ކައުންސިލަރ ހުސެއިން ފަހުމީ ވިދާޅުވީ ސިޓީ ސްކުއާރގެ ދިދަ ނުނެގިގެން އުޅޭނީ ދިދައިގެ އަގުބޮޑު ކަމުން ކައުންސިލަށް އެ ޚަރަދު ކުރެވެން ނެތިގެންނެވެ. ފަހުމީ ވިދަޅުވީ ސިޓީ ސްކުއާރގެ ބޮޑު ދިދައަށް ބައިލައްކަ ރުފިޔާ ޚަރަދު ވާއިރު އެ ދިދަ ލިބެނީ އެމެރިކާއިން ކަމަށެވެ. އަދި ވިއްސާރަވެ ވައި ގަދަ ވެއްޖެ ނަމަ ދިދަ ވަރަށް އަވަހަށް ހަލާކުވާ ކަމަށް ފަހުމީ ބުންޏެވެ.
ފަހުމީ ވިދަޅުވީ 2012 ވަނަ އަހަރުގެ ބަޖެޓުގައި އެކަމަށް ފައިސާ ކަނޑައެޅިފައި ނެތުމުން، އެކަން ނުވެއޮތަސް 2013 ވަނަ އަހަރުގެ ބަޖެޓުގެ ތެރެއިން ކޮންމެވެސް ގޮތަކަށް ދިދަ ގަނެގެން ސްޓޭޓް ސްކްއާރގެ ދިދަ ދަނޑި ހުހަކަށް ނުބަހައްޓާނެކަމަށެވެ.
އައްޑޫސިޓީ ރައްޔިތުންގެ އުންމީދަކީ ވީ އެންމެ އަވަހަކަށް ސިޓީސްކުއަރ އިން ދިވެހިރާއްޖޭގެ ޤައުމީ ދިދަ ވައިގެ ތެރޭ ވިހުރި ހުންނަތަން ފެނުމެވެ. އެކަމަށް އައްޑު ރައްޔިތުން އިންތިޒާރު ކުރަމުން އެބަދެއެވެ.