Last Updated: November 24, 21:27
Sunday, November 24, 2024
ޚަބަރު

ޝަރީފް ވަނީ މަޖްލިސް އަށް އޮޅުވާލާފައި، ފިޔަވަޅު އަޅާނަން: ނަޝީދު

ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު މަޖްލިސްއަށް އޮޅުވާލާފައިވާ ކަމަށާއި އެމައްސަލަ ބަލައި ފިޔަވަޅު އަޅުއްވާނެކަމަށް މަޖްލިސްގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ މެންދުރަށް މެދުކަނޑާލެއްވުމުގެ ކުރިން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ޝަރީފުގެ ސިޓީގައި ވަރަށް ސާފުކޮށް ޗެކް އެންޑޯޒްކުރާ ގޮތް ކިޔައި ދެއްވާފައިވާ ކަމަށެވެ. އަދި މަޖްލިސް މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ގާނޫނާއި ގަވާއިދާއި ހިލާފަށް ބޭންކުގެ އާއްމު އުސޫލުން އެއްވެސް ޗެކެއް ޖަމާކޮށްފައި ނުވާނެކަމަށް ޝަރީފު މާލިއްޔަތު ކޮމެޓީގައި ވާހަކަފުޅު ދައްކަވާފައިވާ ކަމަށެވެ.

"މަރަދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު ޝަރީފް ވިދާޅުވަނީ، އަޅުގަނޑު ސާފުކޮށްލަން ބޭނުންވަނީ އެއްވެސް ޗެކެއް ކްރޮސްކޮށްފައި އޮތްތޯ. ބޭންކް އޮފް މޯލްޑިވްސްގެ އޮފިޝަލް ވިދާޅުވީ، ވަރަށް ތެދުވެރި ކަމާއެއްކޮށް މި ދަންނަވަނީ. ޕްރޮސެސްތަކާއި ޤާނޫނުތަކާއި އެއްގޮތަށް ބޭންކުން އަމަލު ކުރަމުން އައި ގޮތް. އެހެންވީމާ މިއަކީ އަސްލު ބޭންކުން އެމްއެމްޕީއާރުސީ އިން ވަކި ބަޔަކާއި ގުޅިގެން، ވަކި ގޮތަކަށް، ތަފާތު ގޮތަކަށް ވަކި އިންސްޓްރަކްޝަނެއް އައިސްގެން ކޮށްފައި ނެތް ކަމެއްކަން އަޅުގަނޑު މިދަންނަވަނީ އިނގޭތޯއޭ." މަޖިލިސްގެ ރައީސް ޔައުމިއްޔާއިން މިއަދުގެ މަޖިލީހުގައި ވިދާޅުވިއެވެ.

ނަމަވެސް އޭގެ ފަހުން އެމްއެމްޕީއާރުސީއަށް ލިބެން ޖެހޭ ކޮރޮސް ޗެކުތަކެއްގެ ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުވެފައިވާ އިރު އެ ޗެކުތަކުގެ ފޮޓޯ މެމްބަރުންގެ ޕޯޓަލްއަށް ފޮނުވާފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އިއްޔެ ޝަރީފުގެ ފަރާތުން ސިޓީއެއް އެމަނިކުފާނަށް ލިބިވަޑައިގަތުމާއި ގުޅިގެން ޝަރީފްއަށް ފިޔަވަޅު އެޅުމާއި މެދު ދެވަނަ ވިސްނުމަކަށް ދިއުމަށް ނިންމި ނަމަވެސް މިހާރުދެން ޝަރީފުގެ މައްސަލަ ތަހްގީގުކޮށް ފިޔަވަޅު އަޅުއްވަން ފޮނުއްވާނެކަމަށެވެ.

ބޭންކުގެ މިހާރުގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފުގެ މައްސަލަ ތަހްގީގު ކުރުމަށް ފޮނުވާއިރު އެމްއެމްޕީއާރުސީއަށް ލިބެން ޖެހޭ ޗެކުތައް އެކި ފަރާތްތަކުގެ އެކައުންޓަށް ޖަމާވިއިރު ބޭންކުގެ ޑެޕިއުޓީ ސީއީއޯއަކީ ރައީސް އޮފީހުގެ މިނިސްޓަރ ސަބްރާ ނޫރައްދީންގެ އާއިލީ ބޭފުޅެއް ކަމަށްވާ އައިޝަތު ނޫރައްދީންއެވެ.