Last Updated: November 27, 17:56
Wednesday, November 27, 2024
ރިޕޯޓް

އެއާޕޯޓް މުވައްޒަފުންގެ އުނި ކުރި ފައިސާ ލަސްވާތީ ކަންބޮޑުވަނީ!

އެއާޕޯޓްގެ ދެ މުވައްޒަފަކު ވީއައިޕީ ލޭނުން ހިނގާފައި ދަނީ. ފޮޓޯ/ އައްޑޫ ލައިވް

ސ. ގަން އެއާޕޯޓްގެ މުވައްޒަފުންގެ މުސާރަ އިން އުނި ކުރި ފައިސާގެ ތެރެއިން މިހާތަނަށް ނުލިބި ހުރި ފައިސާ ލިބުން ލަސްވާތީ އެކަމާ ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ.

"އައްޑޫ ލައިވް" އާ ވަަހަކަ ދެއްކި މުވައްޒަފަކު ބުނީ 2010 ވަނަ އަހަރު އެ މީހުންގެ އަތުން ކެނޑި ފައިސާގެ ތެރެއިން
މިހާތަނަށް ލިބުނީ އެންމެ ހަތަރު މަހުގެ ފައިސާ ކަމަށެވެ. އެ ފައިސާ ލިބުނީ އެއް ފަހަރާ ކަމަށް ވެސް އޭނާ ބުންޏެވެ.
އެހެން ނަމަވެސް އަދި ބާކީ އަށް މަހުގެ މުސާރަ އިން ކެނޑި ފައިސާ މުވައްޒަފުންނަށް ލިބެން ޖެހެ އެވެ.

"އެ ފައިސާ ދޭނެ ކަމަށް ބުނޭ. އެކަމާ ގުޅޭ ނޯޓިހެއް ވެސް އެއާޕޯޓް އޮފީހުގައި ނޯޓިސް ބޯޑުގައި ޖަހާފައި ހުންނަނީ މިދިޔަ ޖެނުއަރީ މަހުން ފެށިގެން. އެކަމަކު އެ ފައިސާތަނަކަށް ވެސް ލިބޭ ގޮތެެެއް ނުވޭ،" އޭނާ ބުންޏެވެ. "ނޯޓިސް ޖަހާފައި ހުންނަތާ ހަ މަސް ދުވަސްވެގެން ދިޔަ އިރު ފައިސާ ލިބޭނެ ކަމުގެ އެއްވެސް އިޝާރާތެއް އަދި ނުލިބޭ."

އެއާޕޯޓްގައި މަސައްކަތް ކުރާ އެހެން މުވައްޒަފަކު ބުނީ ފައިސާ ލިބޭނެ ކަމަށް ބުނެފައިވާތީ، ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި ތިބި ކަމަށެވެ.

"އެކަމަކު އެހެން ބުނި ފަހުން ވެސް މިހާރު އެތައް ދުވަހެއް ވެއްޖެ. ބޯމަތިވެފައި މިއޮތީ ރޯދަ މަހާ. އަޅުގަނޑުމެން އުންމީދުކޮށްގެން މި ތިބެނީ ރޯދަ މަހާ ދިމާކޮށް ނަމަވެސް އެ ފައިސާކޮޅު ލިބޭނެ ކަމަށް،" އޭނާ ބުންޏެވެ.

ގަން އެއާޕޯޓް ހިންގާ އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް (އޭއައިއޭ) އިން ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު ނެރެފައިވާ ނޯޓިހުގައި ބުނަނީ 2010 ވަނަ އަހަރު މުވައްޒަފުންގެ މުސާރަ އިން އުނި ކުރި ފައިސާގެ ތެރެއިން މިހާރު ނުދެވި ހުރި މަސްތަކުގެ ފައިސާގެ މައްސަލަ ވަނީ ކުންފުނީގެ ބޯޑަަށް ހުށަހަޅާފައި ކަމަށެވެ. އަދި އެކަމާ ބޯޑުން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

އޭއައިއޭ އިން ބުނީ ނުދެވި ހުރީ މެއި 2010 އިން އެ އަހަރުގެ ޑިސެމްބަރު މަހުގެ މުސާރަ އިން އުނި ކުރި ފައިސާ ކަމަށެވެ.

"އެހެންކަމުން ފައިސާގެ ކަންތަކާ ގުޅޭ ގޮތުން ބޯޑުން ނިންމާ ގޮތެއް މުވައްޒަފުންނާ ހިއްސާ ކުރަމުން ގެންދާނެ ވާހަކަ މައުލޫމާތަކަށްޓަކައި ދެންނެވީމެވެ." ނޯޓިހުގައިވެ އެވެ.

މިކަމާ ބެހޭ ގޮތުން ކުންފުނީގެ އިސް ވެރިއެއްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް އަދި ކާމިޔާބްވާ ގޮތެއް ނުވެ އެވެ.