Last Updated: February 13, 21:46
Thursday, February 13, 2025
ވިޔަފާރި

ފެލިވަރު އަދި ކޫއްޑޫ މަސް ފެކްޓަރީ އަޕްގްރޭޑް ކުރަނީ

މަސް ފެކްޓަރީގައި މަސައްކަތްކުރަނީ- ފޮޓޯ: ސަން

ފެލިވަރު އަދި ކޫއްޑޫގައި ޤާއިމްކޮށްފައިވާ މިފްކޯގެ މަސް ފެކްޓަރީތަކުގެ ފެންވަރު ރަނގަޅުކޮށް ކެޕޭސިޓީ އިތުރު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޒަހާ މިހެން ވިދާޅުވެފައިވަނީ އިއްޔެ ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ.

އެ ކޮމިޓީގައި މިނިސްޓަރު ޒަހާ ވިދާޅުވީ ފެލިވަރު އަދި ކޫއްޑޫގައި ޤާއިމްކޮށްފައިވާ މަސް ފެކްޓަރީގެ ފެންވަރު ރަނގަޅުކޮށް ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މާލަސްތަކެއް ނުވެ އެކަންތައް ވެގެންދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެއިތުރުން ގަނޑުކުރި މަސް ރާއްޖެއިން ބޭރުކުރާ މިންވަރު މަދުކޮށް، ވެލިއު އެޑް ކުރެވިގެން މަހުގެ ބާވަތްތައް ރާއްޖެއިން ބޭރު ކުރެވޭނެ އިންތިޒާމްތަކެއް ހަަމަޖައްސަމުންދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.

ފެލިވަރު މަސް ފެކްޓަރީއަކީ ދުވާލެއްގެ މައްޗަށް ފަންސާސް ޓަނުގެ މަސް ބަންދުކުރުމުގެ ޤާބިލްކަން ހުރި ފެކްޓަރީތަކެވެ.