ހުޅުމީދޫ އިންޖީނުގޭގެ އިންޖީނަކަށް މައްސަލަ ޖެހި އެދެރަށުގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެއެވެ.
ފެނަކަ ކޯޕަރޭޝަންއިން ހިންގަމުން އަންނަ ހުޅުމީދޫ އިންޖީނުގެ ހިންގުމާއި ހަވާލުވެ ހުންނެވި ޝާފީ އަލީ ވިދާޅުވީ އިންޖީނަކަށް މައްްސަލަ ޖެހި އެ4 ދެރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.
ޝާފީ ވިދާޅުވީ އިންޖީނަށް ދިމާވި މައްސަލަ ހައްލުކޮށް މިއަދު ހަވީރު އެއްކޮށް ކަރަންޓު ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ހުޅުމީދޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެރަށަށް ވަނީ 800 ކިލޯ ވޮޓްގެ ޖަނަރޭޓަރ ސެޓެއް ގެނެސްފައެވެ. ނަމަވެސް އަދި އިންސްޓޯލް ކުރުމުގެ މަސައްކަތް ނުފަށައެވެ. ޝާފީ ވިދާޅުވީ އާ އިންޖީނު އިންސްޓޯލް ކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ. ނަމަވެސް މަސައްކަތް ފަށާނެ ވަކި ދުވަހެއް ވިދާޅެއް ނުވިއެވެ.
އިއްޔެއިން ފެށިގެން އިންޖީނަކަށް މައްސަލަ ޖެހިފައިވާ އިރު ރޭވެސް ގިނަ ބަޔަކު ތިބީ ކަނު އަނދިރީގައެވެ. ކަރަންޓު ކެނޑޭ މައްސަލާގައި ރައްޔިތުންގެ ޝަކުވާ ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
ހުޅުމީދޫ އިންޖީނުގޭގެ އިންޖީނަކަށް މައްސަލަ ޖެހިގެން ކަރަންޓު ކެނޑޭއިރު އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދިނުމަށް ބޭނުން ކުރާ އިންޖީނުތަކަށް މައްސަލަ ޖެހި އިރު އިރުކޮޅާ ކަރަންޓު ކެނޑުމަކީ އާއްމު ކަމެކެވެ. މިވަގުތުވެސް މަރުކަޒީ އިންޖީނުގޭގެ އިންޖީނުތަކަށް ދީފައިވަނީ ވަގުތީ ހައްލެއް ކަން ފާހަގަކޮށްލެވެއެވެ.