ހުޅުމީދޫން ގޯތި ދޫކުރުމަށް ނިންމައި އައްޑޫ ސިޓީ ކައުންސިލުން އިއްލާންކޮށްފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން މިއަދު ނެރުނު އިއްލާނެއްގައި ބުނެފައިވަނީ ހުޅުދޫ އަދި މީދޫ ދެ ރަށުން ކުރެ ކޮންމެ ރަށަކުން 2000 އަކަ ފޫޓުގެ 50 ގޯތި ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.
ކައުންސިލުން ވަނީ ގޯތި ދޫކުރުގައި ބަލާނެ ޝަރުތުތައްވެސް އިއްލާންކޮށްފައެވެ.
ގޯއްޗަށް އެދި ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ ޝަރުތުތައް
1- ދިވެހިރައްޔިތަކު ކަމުގައިވުން.
2- އުމުރުން 18 އަހަރުވެފައިވުން.
3- ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން.
4- އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑު ބައެއް ލިބިފައި ނެތުން، ނުވަތަ ލިބިފައިވާ މިފަދަ ބަޔެއް، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާޢިދާއި އެއްގޮތްވާ ގޮތުގެމަތިން ދޫކޮށްލުން.
5- ސަރުކާރުން ހަދާފައިވާ ޢިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން، އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވުން.
6- އެއްމެދު އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވުން.
ކައުންސިލުން ބުނީ ގޯއްޗަށް އެދޭ ފަރާތްތަކުން 29 އޮގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އައްޑޫ ސިޓީ ކައުންސިލް އިދާރާ އަށް ނުވަތަ ހުޅުދޫ އަވަށު އޮފީހަށް ނުވަތަ މީދޫ އަވަށު އޮފީހަށް ފޯމު ހުށަހަޅަން ޖެހޭނެކަމަށެވެ.
ގޯއްޗަށް އެދި ހުށަހެޅުމަށް އެދޭ ފޯމު އައްޑޫ ސިޓީ ކައުންސިލް އިދާރާ އާއި އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ފޯމު އައްޑޫ ކައުންސިލް އިދާރާގެ ވެބްސައިޓު www.adducity.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.