ހަށިގަނޑުގެ ދުޅަހެޔޮކަން ދެމެހެއްޓުމާއި ބަރުދަން ރަނގަޅު މިންވަރެއްގައި ދެމެހެއްޓުމަށް ކަސްރަތަކީ ވަރަށް މުހިންމު ކަމެކެވެ. ނަމަވެސް ކަސްރަތާއި އެއްވަރަށް ކެއުމަށް ބެލުމަކީވެސް އެހާމެ މުހިންމު ކަމެކެވެ. ތައްޓަށް އަޅާ އެއްޗެއް ކައި ހުސް ނުކުރުން ވާނީ އިސްރާފުކުރުމަށެވެ. އަދި ހަށިގަނޑަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ކެއުންވެސް ވާނީ އިސްރާފުކުރުމަށެވެ. އެހެން ކަމުން މެދު މިނުގައި ކެއުމަށް، ނުވަތަ ޕޯޝަން ސައިޒް ކޮންޓްރޯލް ކުރުމަށް ވިސްނަން ޖެހެއެވެ.
1. ކުޑަ ތަށި ބޭނުންކުރުން
އިންސާނާގެ ލޮލަށް ފެންނަ، އަދި ސިކުނޑިއަށް ވިސްނޭގޮތުން ބޮޑު ތަށްޓަކަށް އަޅާ ކާއެއްޗެހި ހީވާނީ މަދުން އެޅި ނަމަވެސް ގިނަކަމަށެވެ. އަދި ކުޑަ ތަށްޓަކަށް އަޅާ ކާނާ ހީވާނީ މަދުން އެޅިނަމަވެސް ގިނަ ހެންނެވެ. އެހެންކަމުން ސިކުނޑިއަށް މިގޮތަށް ވިސްނައިދީގެން މަދުން ކެއުމަށް މަގުފަހިވާނެއެވެ. މިއީ ދިރާސާތަކުން ސާބިތުވެފައިވާ ކަމެކެވެ. އެގޮތުން އެއް ދިރާސާއަކުން އެނގުނު ގޮތުގައި ބޮޑު ތަށްޓަށް ޕާސްތާ ކެއި މީހުންނަށްވުރެ ކުޑަ ނުވަތަ މެދު ސައިޒުގެ ތަށީގައި ޕާސްތާ ކެއި މީހުން ކެއީ %77 މަދުކޮށެވެ.
2. ޕޯޝަން ގައިޑްކުރަން ތަށި ބޭނުންކުރުން
ކެއުމުގައި އެކި ބާވަތްތައް ބޭނުންކުރުމަކީ ކާ މިންވަރު ކޮންޓްރޯލްކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. އެގޮތުން ތަށި އެކި ބައިބަޔަށް ބަހާލައި، އެކި ކަހަލަ ކާނާ ކެއުމުގައި ބޭނުންކުރަން ހަނދާން ބެހެއްޓުމަކީ މުހިންމު ކަމެކެވެ. ތަރުކާރީ އާއި މޭވާ އަކީ އޭގެ ޒާތުގައި ކެލޮރީ މަދު، ފައިބަރ ގިނަ ތަކެއްޗެވެ. އެހެންކަމުން އާދައިގެ މީހަކު އާންމުކޮށް ކެއުމުގައި ތަރުކާރީ އާއި މޭވާ ތަށީގެ އެއްފަޅިއަށް ވާވަރަށް އަޅަންވާނެއެވެ. އަދި ތަށީގެ ހަތަރު ބައި ކުޅަ އެއްބައިގައި ހައި ކޮލިޓީ ޕްރޮޓީންސް އަދި އަނެއް ބައިގައި ކޮމްޕްލެކްސް ކާބްސް (ކާބޯހައިޑްރޭޓްސް) ހިމަނަންވާނެއެވެ. މީގެ އިތުރުން 7 ގުރާމް (މޭޒުމަތީ ސަމުސާއެއްގެ އެއްބައި) އަށް ވާވަރަށް ޗީޒް، ބަޓަރ ނުވަތަ ތެޔޮ އަޅައިލުން ރަނގަޅެވެ.
3. އަތުން ޕޯޝަން ސައިޒް ކޮންޓްރޯލްކުރުން
އާންމު ގޮތެއްގައި ކޮންމެ މީހަކަށްވެސް އެމީހެއްގެ އަތުގެ ކުޑަ ބޮޑު މިނުން ކެއުމުގެ ޕޯޝަން ކޮންޓްރޯލް ކުރެވޭނެއެވެ. އެގޮތުން އަތުގެ އެކި ބައިބައި ބޭނުންކޮށްގެން އެކި ބާވަތްތައް ކެއުމުގައި ހިމެނޭނެއެވެ. މިސާލަކަށް އަތްތިލަ (އިނގިލި ނުހިމެނޭގޮތަށް) އަށް ވާވަރަށް ޕްރޮޮޓީންސް (ގެރި، ބަކަރި، ކުކުޅު، މަސް، ބީންސް ފަދަ)، އަދި އަތް މުށްކެވީމަ ހުންނަ ވަރަށް ތަރުކާރީ ނުވަތަ ސަލަޑާއި އެއް އަތުން ނެގޭ ވަރަށް ކާބޯހައިޑްރޭޓްސް ގިނައިން ހުންނަ ކާނާ (އޯޓްސް، ގޮވާން، ފަލަމަޑީގެ ބާވަތްތައް) ކުގެއިތުރަށް އަތުގެ ބޮޑުވާ އިނގިލީގެ ސައިޒުން ފެޓްސް ގިނައިން ހުންނަ ކާނާ (ބަޓަރ، ތެޔޮ، ބަދަންތައް) ކެއުމުގައި ހިމެނުމުން އާދައިގެ މީހަކަށް އެންމެ ރަނގަޅުވާނެއެވެ. ނަމަވެސް މަތީގައި ބަޔާން މިކުރެވުނު ދެގޮތުގައި ހިމެނޭ ޕޯޝަން ސައިޒަކީވެސް އާދައިގެ މީހަކަށް އެންމެ އެކަށިގެންވާ މިންވަރެވެ. މީހާގެ ސިއްޙަތާއި، ހެލިފެލިވެ އުޅުން ހުންނަ ގޮތުން މި ޕޯޝަން ސައިޒުތައް ބަދަލުވެދާނެއެވެ.
4. ބޭރުން ކާއިރު ހާފް ޕޯޝަންއަށް އޯޑަރކުރުން
ރެސްޓޯރެންޓުތަކުން އާންމުކޮށް ދޭ ޑިޝްތަކުގައި ހުންނަނީ އެވްރެޖުގޮތެއްގައި އެއްފަހަރާ ކާން ޖެހޭ ވަރަށްވުރެ 2.5 ސައިޒު ބޮޑު ޕޯޝަންތަކެވެ. އެހެންކަމުން ބޭރުން ކާއިރު، ކެއުމުގެ މިންވަރު ހިފެހެއްޓުމަށް އެންމެ ރަނގަޅު ގޮތަކީ ޑިޝްއެއްގެ ދެބައިކުޅަ އެއްބައި ކެއުމެވެ. ނުވަތަ ހާފް ޕޯޝަންއަކަށް އޯޑަރކުރުމެވެ.
5. ކެއުމުގެ ކުރިން ފެން ތަށްޓެއް ބޯލުން
ކެއުމުގެ 30 ވަރަކަށް މިނެޓު ކުރިން ފެން ތަށްޓެއް ބޯލުމުން ހަށިގަނޑު އަމިއްލައަށް ޕޯޝަން ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭނެއެވެ. ކެއުމުގެ ފެންތަށި ބޯލުމުން ބަނޑުގައި ކެއުމަށް ހުންނަ ޖާގަ ތަންކޮޅެއް މަދުވެ އަމިއްލައަށް ކެއުން ކޮންޓްރޯލްކުރެވި، ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ލިބުންވެސް ޔަގީންކުރެވޭނެއެވެ.
6. ލަސްލަހުން ކެއުން
ލަސްލަހުން ކެއުމަކީ ހަށިގަނޑަށް އެއްފަހަރާ އެތެރެކުރެވޭ ކާނާ މަދުކުރުމަށް ކުރެވޭނޭ އެހެން ގޮތެކެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ކާން ފަށާތާ 20 މިނެޓު ތެރޭގައި ބަނޑު ފުރޭކަމުގެ އިހުސާސް ކުރެވެން ފަށާނެއެވެ. އަދި އަވަހަށް ކާ މީހުންނަށްވުރެ ލަސްލަހުން ކާ މީހުން ކާވަރު މަދެވެ. އަދި ލަހުން ކާމީހުންނަށް ކެއުމުން ލިބޭ ހިތްހަމަޖެހުން ބޮޑެވެ. މީގެ އިތުރުން ޓީވީ، ނުވަތަ ފިލްމު ބަލަމުން ދަފަ މީހާގެ ވިސްނުން އެހެންކަމަކަށް ހުސްކުރާ ކަންކަމުގެ ތެރޭގައި މަޝްއޫލުވެހުރެ ކެއުމުން ކެވޭ ވަރު އިތުރުވުން އެކަށީގެންވެއެވެ.
މަތީގައި ބުނެވިދިޔަ ކަންކަމަކީ ކެއުން ރަނގަޅު މިންވަރެއްގައި ހިފެހެއްޓުމަށް މިނެހަދާ ތަށި، ނުވަތަ ކައްޓާ ނެތް ހާލަތެއްގައި ބޭނުންކުރެވިދާނެ ކަންކަމެވެ. އަދި ކެއުމުގައި އެންމެ ރަނގަޅު މިންވަރު ހިފެހެއްޓުމަށްޓަކައި ކުރެވިދާނެ ބައެއް ކަންކަމެވެ.