Last Updated: November 29, 14:10
Friday, November 29, 2024
ޚަބަރު

މަސްވެރިން ބޭނުންވަނީ ނާސި ގެއާއި ސްޕާއެއް ހިންގާކަށް ނޫން: ޝިޔާމް

ރާއްޖޭގެ މަސްވެރިން ބޭނުންވަނީ ނާސި ގެއާއި ސްޕާ ހިންގާކަށް ނޫންކަމަށާއި މަސްވެރިން ބޭނުންވަނީ މަހުގެ ހަމަ އަގު ލިބުން ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

ދިވެހި މަސްވެރިކަން ކުރާ ސަރަހައްދުތަކެއް ފާހަގަކޮށް "އޮފްޝޯ ޕްލެޓްފޯމް" ގާއިމް ކުރުމާއި ގުޅޭގޮތުން މާފަންނު މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޮންޑޭ) ހުށަހަޅާފައިވާ ގަރާރަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރައްވަމުން ނައިފަރު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ ސަރުކާރުގެ މެންބަރު މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަކީ މަސްވެރިކަމުގެ ސަގާފަތާއި މަސްވެރިކަން ކުރާ ވައްޓަފާޅި އެނގިގެން ހުށަހަޅާފައިވާ ގަރާރެއް ނޫން ކަމަށެވެ. ގަރާރު ހުށަހެޅުއްވި މެންބަރު ގަރާރު ހުށަހަޅުއްވަމުން ދެއްކެވި ވާހަކަފުޅުތަކަކީ ވަރަށް ރަނގަޅު ވާހަކަތަކެއްކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ މެންބަރު އިބްރާހިމް ރަޝީދުގެ އެފަދައިން ވާހަކަފުޅުދެއްކެވި ނަމަވެސް އެ ވާހަކަތަކަކީ ގަރާރުގައި ބަޔާންކޮށްފައިވާ ވާހަކަތަކެއް ނޫން ކަމަށެވެ.

އެމްޑީޕީގެ އެޖެންޑާ "ލާހުރޭ" އެޖެންޑާއަކަށް ނުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެ ޝިޔާމް ވިދާޅުވީ އެޕާޓީގެ މަޖިލިސް މެންބަރުން މަޖިލީހަށް ހުށަހަޅުއްވާ ހުރިހާ ގަރާރަކީވެސް "ލާހޫރޭ" ގަރާރުތަކެއް ކަމަށެވެ. އެގޮތުން އޭނާ ވަނީ އެއްގަރާރު އަނެއް ގަރާރާ ފުށުއެރުންތަކެއް އެބަހުރިކަން ފާހަގަކުރައްވާފައެވެ.

ކޮންމެ އޮފްޝޯ ޕްލެޓު ފޯމަކަށް 600 މިލިއަން ރުފިޔާދާނެ ކަމަށް ގިނަ މެންބަރުން އަންދާޒާ ކޮށްފައިވާތީ އެކަމަށް އިޝާރާތް ކުރައްވާ ޝިޔާމް ވިދާޅުވީ އެއީ 40 މިލިއަން ޑޮލަރު ކަމަށެވެ. ޝިޔާމް ވިދާޅުވީ އެހާ ގިނަ އަދަދެއްގެ ފައިސާ ހަރަދު ކުރުމުގެ ބަދަލުގައި މިހާރު ހުރި ވަސީލަތްތައް ތަރައްގީ ކުރުން ބުއްދިވެރި ކަމަށެވެ.

"އެއަށްވުރެ މާ ރަނގަޅެއް ނޫންތޯ ފެލިވަރުގެ ކެޕޭސިޓީ އިތުރުކުރިއްޔާ. 30 މިލިއަނެއްހާ ޑޮލަރު ހަރަދުކޮށްގެން ފެލިވަރުގެ ކެޕޭސިޓީ އިތުރުކުރިއްޔާ. އޭރުން މަސްވެރިޔާއަށް ބޭނުންވާ މަސްކޮޅު ކިރާލެވޭނެ. އިއްޒަތްތެރި ރައީސް މި އަންނަނީ އޮކްޓޫބަރު މަސް، އަޅުގަނޑުމެންނަކަށް ނޭނގެ މަސްވެރިން ބާނާ މަހަށް ހަދާނެ ގޮތެއް. މިއަދުވެސް މިއަދުވެސް މިއުޅެނީ މަސްވެރިން ބާނާ މަސް ކިރާލީމަ ލާރިކޮޅު ނުލިބިގެން، މަސްވެރިން ބޭނުންވާ އައިސްކޮޅު މަސްވެރިންނަށް ނުލިބިގެން އުޅޭތަން އަޅުގަނޑުމެންނަށް މި ފެންނަނީ. މިކަންތައް ހައްލު ކުރަންވީ ނޫންތޯ. ކީއްކުރަންތޯ އަޅުގަނޑުމެން 2050 އަށް މިގެންދަނީ. އަޅުގަނޑުމެން މިއުޅެނީ 2019ގައި އިއްޒަތްތެރި ރައީސް،"

ޝިޔާމް ވިދާޅުވިއެވެ.

ތަކުރާރުކޮށް ޝިޔާމްގެ ވާހަކަފުޅުގައި ވަނީ މަސްވެރިކަމާއި ގުޅޭގޮތުން ހުށަހެޅި އެއްވެސް ގަރާރެއް "ތާކުން ތާކު" ނުޖެހޭ ކަމަށް ވިދާޅުވެފައެވެ. ޝިޔާމް ވިދާޅުވީ ރާއްޖޭގެ މަސްވެރިކަން ކުރާތާ އެތައް އަހަރުތަކެއް ވެފައިވާއިރު އެންވެރިކަން ރަނގަޅު ކުރާނެ ގޮތެއް ނުވަތަ އެންވެރިކަން ދެމެހެއްޓެނެވި ގޮތެއްގައި ކުރާނެ ގޮތެއް އެއްވެސް ގަރާރެއްގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ.

"އަޅުގަނޑު މި ދަންނަވަނީ އޮފްޝޯ ޕްލެޓުފޯމާއި އެއްޗެހި ގާއިމް ކުރާށޭ އެހެންނަމަވެސް މަސްވެރިކަމުގައި މިއަދު ހުރި މައްސަލަތަކަށް ހައްލެއް ހޯދާ ދޭށޭ. އެކަން ކަމަށް ހައްލެއް ހޯދައިދޭން މަސައްކަތް ކުރަންވީ ނޫންހޭ. މަސްވެރިންނަށް ހަމަ އަގު ދޭން އެ މަސްވެރިން ކުރާ ޝަކުވާއަށް ނިމުމެއް އަންނާނެ 600 މިލިއަނަށް އަޅާ ޕްލެޓްފޯމެއް އެޅުމުގެ ބަދަލުގައި،

" ޝިޔާމް ވިދާޅުވިއެވެ.

އޮފްޝޯ ޕްލެޓް ފޯމުތައް އެޅުމަށް މަޖިލީހަށް ހުށަހެޅި ގަރާރުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަކީ ދިވެހިރާއްޖޭގެ އިޤުތިސާގައި މުހިއްމު ސިނާއަތަކަށް ވީހިނދު އަދި ގިނައަދަދެއްގެ ދިވެހިން އެމަސައްކަތުގައި ހަރަކާތްތެރިވާ ސިނާއަތަކަށްވެ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ފުޅާކޮށް، އެމަސައްކަތުގެ ސީދާނަފާ ވިހާވެސް ފުޅާދާއިރާއެއްގައި ދިވެހިންނަށް ހޯދާދިނުމުގެ މުހިއްމުކަން ބޮޑުވެ އެކަމަށް މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށެވެ.

މި ގަރާރުގައި ބުނެފައިވަނީ ދިވެހި މަސްވެރިން ބާނާމަހަށް ހަމަ އަގު ހޯދާދިނުމަށްޓަކައި ބޭރުކަނޑުގައި މަސްވެރިކަންކުރާ މަސްވެރިންބާނާ މަސްވިއްކުމުގައި ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަކީ މުހިއްމުކަމަކަށްވީ ހިނދު، ރާއްޖޭގެ ރައްތަކާއި ދުރަށް ދުއްވައިގެން އާއްމުކޮށް މަސްވެރިކަން ކުރެވޭ ސަރަހައްދުތަކެއް ފާހަގަކޮށް އޮފްޝޯ ޕްލެޓް ފޯމްތަކެއް ގާއިމުކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. އެފަދަ ޕްލެޓްފޯމުތަކަކީ އައިސްއާއި ތެޔޮ އަދި މަސްދޯނިފަހަރަށް ބޭނުންވާ ސާމާނު އެތަންތަނުން ފޯރުކޮށްދިނުމުން މަސްވެރިން ބޮޑުޚަރަދުކޮށް އެބުރި ރަށަށް އަންނަން ނުޖެހުމުން ބޮޑު ހަރަދެއް ސަލާމަތްވާނޭ ކަމަށްވެސް ގަރާރުގައި ބަޔާންކޮށްފައިވެއެވެ.